ހިޔާނާތުގެ ދައުވާ އުފުލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަށް އެއްވެސް ފިޔަވަޅެއް، ނޭޅިގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނަށް ހިތްވަރުދޭތީ ކަމަށް އިދިކޮޅުން މިއަދު ބުނެފިއެވެ.

މަހުލޫފްއަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. އޭގެ ފަހުން ފަސް ވަރަކަށް ދުވަސް ފާއިތުވެދިޔަ އިރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ވަގުތަށް" ވިދާޅުވީ މަހްލޫފަށް ފިޔަވަޅު އެޅުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ މި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށްވާތީއެވެ.

"މިއީ ކޮރަޕްޝަނަށް ހިތްވަރުދޭ ސަރުކާރެއް، މަހުލޫފަށް ފިޔަވަޅު ނާޅަނީވެސް އެހެންވެ" އަދުރޭ ވިދާޅުވިއެވެ.

މަހްލޫފް އާ ދެކޮޅަށް ދައުވާ އުފުލާފައިވިޔަސް އޭނާއާ މެދު ގޮތެއް ނިންމާނީ އާދިއްތަ ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އެކަމަކު އާދިއްތަ ދުވަސް ފަހަނައަޅާ ދިޔައިރުވެސް އަދި މިހާތަނަށް މަހްލޫފާއި މެދު ކަން ކުރާނެ ގޮތެއް ނިންމާފައެއް ނުވެއެވެެ.

މަހްލޫފާއި މެދު ސަރުކާރުން ކަންކުރާ ގޮތެއް ސާފުކުރަން "ވަގުތު" އިން މަބްރޫކްއަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި މެސެޖަކަށް ވެސް މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މަހުލޫފްގެ މައްސަލާގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ގުޅާލުމުން އޭނާވެސް ފޯނަށް ޖަވާބެއް ނުދެއްވާތީވެ، ފިޔަވަޅުނާޅާ ލަސްވާ ސަބަބާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވި މަހުލޫފް މިހާރު ވިދާޅުވަނީ "އިސްތިއުފާ ނުދެއްވާނެ" ކަމަށެވެ. މަހްލޫފް ވިދާޅުވަނީ ޕީޖީ ހުސައިން ޝަމީމް އުޅުއްވަނީ "ޒާތީ" ގޮތުން އޭނާއާ ޖައްސާލައިގެން ކަމަށެވެ. އެކަމަށް ބާރުލިބޭ ކަމަށް ބުނާ ސްކްރީން ޝޮޓެއްވެސް މަހުލޫފް ވަނީ އާންމުކުރައްވާފައެވެ. ހިޔާނާތުގެ ދައުވާކުރަން އޭސީސީން މީގެ ކުރިން ފޮނުވި ދެ ފަހަރުވެސް މަހުލޫފް މަގާމުން އެކަހެރި ކުރިއެވެ.

މަހުލޫފް ގެންދަވަނީ އޭސީސީއަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯޓުގައި "ދައުލަތް އޮރިއާން" ކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.

މަހްލޫފްގެ މައްޗަށް ކުރި ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަށް އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވައިފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އޭރު ވަނީ ހަތަރު މަސް ދުވަސްވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ފައިސާ ޖަމާކޮށް އެކި ކުންފުނިތަކަށް ބަހަމުން ދިޔައީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް މީގެކުރިން ވެސް ސަސްޕެންޑް ކުރިއެވެ. ފަހުން މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެ ކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުންނެވެ.

މި ކަމާ ގުޅިގެން މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެއީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ހިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެންދީ

    ކަލޭތީ އަބަދުވެސް ކޮންމެވެސް މީހަކު ކުޑަކަކޫ ނުޖަހައިން އުޅޭމީހެއްނު….ގޮސް ޔާމީން ކުރިމަތީ ކަކޫ ޖައްސަ ބަލަ….

  2. ޙ މ ޒ

    މަހުލޫފް ގެންދަވަނީ އޭސީސީއަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯޓުގައި "ދައުލަތް އޮރިއާން" ކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.