ނިރުބަވެރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދެވޭ ގޮތަށް ނިރުބަވެރިކަން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި ބިލުގައި ނިރުބަވެރިކަމުގެ ތުހުމަތު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދީފައިވެއެވެ.

މި ގޮތުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެ ތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތުތައް ބަޔާން ކޮށްދީފައިވެއެވެ.

ހަނގުރާމައަށް ދިއުމަށް ފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށް ފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާ މެދު އަމަލުކުރާ އިޖުރާއަތުތަކަށް ވެސް ބަދަލުތަކެއް ގެންނަން ބިލުގައި ހިމަނާފައިވެއެވެ.

ނިރުބަވެރިކަމުގެ އަމަލެއްގައި ބައިވެރިވެފައިވާ މީހުނާއި، ނިރުބަވެރި އަމަލަކަށް ހުށަހެޅިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ މީހުންނާ މެދު ވެސް ފިޔަވަޅުތަކެއް އަޅައި، އެ ފަދަ ފަރާތްތަކަށް ދޭން ޖެހޭ ރިހެލިބިޓޭޝަންގެ ފަރުވ ދޭނެ ގޮތްތައް ވެސް ބަޔާން ކޮށްފައިވެއެވެ.

މިފަދަ ތުހުމަތެއްގައި މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރެއް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ތަހުގީގު މަރުހަލާއަށް ބަންދުގައިވާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާ މީހުންނަށް ދެވޭނެ ފަރުވާއަކީ، މުޖުތަމައަށް އަނބުރާ ގެނެވޭނެ ކަމުގެ ޔަގީން ކަން ލިބެން ދެން ދެމިގެންދާނެ ފަރުވާއެއް ވެސް ކަނޑައެޅިގެން ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއީ މި ސަރުކާރު އައި ފަހުން ނިރުބަވެރި ކަން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައި ދެވަނަ ފަހަރެވެ. ރާއްޖޭގައި އިސްލާމް ދީނުގެ ނަމުގައި ނިރުބަވެރި ހަރުކަށި ފިކުރެއް ފަތުރަމުންދާ ނުރައްކާތެރި ހަރަކާތުގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ.

މިފަދަ މައްސަލަތަކުގައި މިހާރު ވެސް ތުހުމަތު ކުރެވޭ ގިނަ ބަޔަކަށް ދައުވާ އުފުލި އެ މައްސަލަތައް ކޯޓުގައި ހިނގަމުން ދަނިކޮށް، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގެ މަގެއް މަތީ ބޮމެއް ގޮއްވާލާފައިވެއެވެ.

އޭގެ ކުރިން 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ވެސް ނުރައްކާތެރި ބޮމެއް ގޮއްވާލާފައިވެއެވެ. އޭގެ ފަހުން ނަޝީދަށް އަމާޒުކޮށް ގޮއްވާލީ ކުރިން ގޮއްވާލި ބޮމަށް ވުރެ ނުރައްކާތެރި ބޮމެއް ކަމުގައި ތަހުގީގީ އިދާރާތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ނިރުބަވެރިން މިސަރުކާރުގެ އިސްސަފުގައި ހައްތާވެސް އެތިބީ

  2. އަކްރަމް

    ކަލޯ ކުރެންދޫ ދާއިރާއަށް ކަލޯ ކޮށްދިނީ ކޮންކަމެއްތޯ ސުވާލުކޮށްލަން އެބަ؟ ރަށުގައި ރީދޫ ބަތްކައްކާގެން ރީދޫ ފަނިގިރާގެން އަނބުރިހަކާމީހުން ގިނައީ ، އެކަމަކު ކަލޯ ކުރެންދޫ މަޖުލީހުމެންބަރު އަދި ނެތް ރަށުގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށްދީފައެއް. ކަލޯ އަދި ވެސް ނަޝީދު ބޭނުންވާ ޤާނޫނުތައް ތިޔަ ހަދަނީ ، ކޮބާތޯ ރަސޫލާއަށް ފުރައްސާރަކުރާ މީހުން ، ކޮބާތޯ މިސްކިތައް ފަހަރުވަލާމީހުން

  3. ޢަމީން

    ތީ ވެސް ގޮތެއް.