މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވާލުމަށް ޓަކައި އެ އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ހުށަހެޅުއްވި ބިލު ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުންނެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލު ކުރުމަށެވެ.

މި ބަދަލާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި އެ އޮތޯރިޓީގެ މުދަލާއި ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވެގެންދާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކާއި ހިންގުން އަވަސްވެގެންދާނެ ކަމަށެވެ.

ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާއަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ލަސްކަމުގެ ޝަކުވާއަށް އިންތިހާއަށް އޮވެއެވެ. މި ގޮތުން އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި، އުޅަނދުފަހަރު ދުއްވުމުގެ ހުއްދައިގެ ލައިސަންސް ދޫކުރުން ލަސްވުން ވެސް ފާހަގަ ކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު މަޖިލީހަށް ހާޒިރުކުރެވުނުއިރު، އެކަމަނާއަށް މި ޝަކުވާތަކާ ގުޅޭ ސުވާލުތައް އަމާޒުވުމުން ނުރުހުން ފާޅުކުރެއްވި ކަމަކީ އެއްވެސް މެންބަރަކު އެއީ ސީދާ ކޮން ޝަކުވާއެއް ކަން ފާހަގަ ކުރައްވާފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޓްރާންސްޕޯޓް މިނިސްޓަރުވެސް އުވާލަންވީ! ބޭކާރު މީހެއް!

    12
    2
  2. ރަނާ

    އަދި ހެރިޓޭޖްވެސް އުވާލަންޖެހޭ،

    14
  3. ޚަލަަަހަލަ

    މިކަހަލަ ތާކުން ތާކު ނުޖެހޭ މިހުން ހުސް މިގަްއުމުގަ މިނިސްޓްތީތަ މިގޯސްވަނި