އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ސަފީރު އަތުލް ކެޝަޕް އަށް މަރުގެ އިންޒާރު ދިން މީހަކު 27،800ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ ސ. މީދޫ އަބްލައީވާދީ އަހުމަދު ރަޝީދުގެ މައްޗަށެވެ.

އަހުމަދުގެ މައްޗަށް މި ހުކުމް އައީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާގެ ޓުވިޓާ އެކައުންޓުން އެމެރިކާ ސަފީރު އަދި އޭނާގެ އާއިލާ ރާއްޖެ އަތުވެއްޖެނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާތީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.

މި މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކެޝަޕް އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ ރަޝީދު ޓްވީޓްކުރި ކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި އެ ޓްވީޓް ކުރީ އޭނާގެ އަތުން ފެނުނު ފޯނަކުން ކަމަށް ވާއިރު، އެ ފޯނަކީ އެހެން މީހަކު ބޭނުންކުރި ފޯނެއް ކަމަށް ބުންޏަސް، އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެއެވެ.

ގާނޫނުލް އުގޫބާތުގައި ބިރު ދެއްކުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށް، 27،800 ރުފިޔާއިން ޖޫރިމަނާކުރާ ކަމަށް ހުކުމްގައިވެއެވެ. އެ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގަައި ދައްކަން ކޯޓުން ވަނީ އަންގައިފައެވެ.