ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމާލީ ހުށަހެޅުނު މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިންމާފައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ތިންވަނަ ދައުރުގެ 44 ޖަލްސާގައި 112 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި ކޮމިޓީތަކުން 320 ބައްދަލުވުން ބާއްވައި، ޖުމުލަ 331 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާ ކަމަށްވާއިރު، އެ ޖަލްސާތަކުގައި 950 ފަހަރު މެމްބަރުން ވާހަކަ ދައްކާފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ތިންވަނަ ދައުރު ނިންމާލިއިރު، ހުށަހެޅުނު 42 ބިލުގެ ތެރެއިން 20 ބިލުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށެވެ. އަދި 12 ގަރާރުގެ ތެރެއިން ހަތަރު ގަރާރެއްގެ މަސައްކަތް ނިންމާފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 8 މައްސަލައިގެ ތެރެއިން ފަސް މައްސަލައަކާއި، ސަރުކާރުން ހުށަހެޅި ހަތް މައްސަލައެއް ވެސް ނިންމާފައިވެއެވެ. މަޖިލީހުގެ ތިންވަނަ ދައުރު އޮކްޓޯބަރ މަހުގެ 5ވަނަ ދުވަހު ފަށާފައިވާއިރު، އެ ދައުރުގައި މެމްބަރުން ހުށަހެޅި 13 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާއިން ބުނީ، ވަޒީރުންނާއި ކުރަން ހުށަހެޅުނު 39 ސުވާލުގެ ތެރެއިން 32 ސުވާލެއް ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ރައްޔިތުންގެ ފައިސާ ހަރަދު ކޮށްގެން ބޭކާރު ވަގުތު ތަކެއް ހޭދަކުރީ މަކަބޮޑު ފައިދާހުރި ކަމެއް ކުރާތަނެއް ނޫން !

  2. Anonymous

    ތިޔަ މީހުނައް ބޮޑު މުސާރަ ދީފަ އަބަދު ޗުއްޓީގަ ބައިތިއްބާ ، ޗުއްޓީގަ ތިބޭއިރުވެސް 10 ތަރީގެ ހޮޓެލް ތަކުގަ ސަރުކާރު ހަރަދުގަ ގެންގުޅުއްވާ ހާއްސަކޮއް ކެނެރީ ނަޝީދައް ދިވެހި ދައުލަތް އެއްކޮއް ދީފަ ބަހައްޓަވާ.