ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވާ ދިވެހިންގެ ދަރިންނަށް، ދިވެހި ރައްޔިތުކަން ދޭނެ ގޮތްތައް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކުރި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.

ބިލް ދިރާސާ ކުރި 241 ކޮމެޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހަނގުރާވެރި ސަރަހައްދަކަށް އުފަންވާ ދިވެހި ކުދިންނަށް، ދިވެހި ރައްޔިތުކަން ދިނުމާ ގުޅޭ މާއްދާތައް ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުން ފާސްކުރި އިސްލާހުތަކުގައި ބުނެފައި ވަނީ، ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިން އުފަންވުމުން، ކަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ރާއްޖެއަށް އައުމުގެ ކުރިން އެ ކުދިން ރާއްޖޭގައި ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ.

އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ، އެ ކުއްޖާ އުފަންވުން ރަޖިސްޓްރީކޮށްދެވޭނީ، އެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅަން ޖެހެނީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތުންނެވެ.

ކުއްޖާ ދިވެހި ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ކޮންމެހެން ހުށަހަޅަން ޖެހޭ އެންމެ މުހިއްމު އެއްޗަކީ ކުއްޖާގެ ޑީއެންއޭ ޕްރޮފައިލާއި ކުއްޖާގެ މަންމަ/ބައްޕަ ކަމަށް ބުނާ ފަރާތުގެ ޑީއެންއޭ އަޅައިކިޔައި ހަދާފައިވާ ޑީއެންއޭ އެނަލިސިސް ކަމަށް ބިލްގައި ބުނެފައި ވެއެވެ.

ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ދުނިޔޭގައި ނެތް ނަމަ، ކުއްޖާގެ ޑީއެންއޭ ޕްރޮފައިލާއި ކުއްޖާގެ އާއިލާގެ އެހެން މެންބަރެއްގެ ޑީއެންއޭ އަޅައިކިޔައި ހަދާފައިވާ ޑީއެންއޭ އެނަލިސިސް ހުށަހަޅަން ޖެހޭނެއެވެ.

އޭގެ އިތުރުން ކުއްޖާގެ މަންމަގެ ބަޔާން ނުވަތަ ކުއްޖާގެ މަންމަ ނެތް ނަމަ، ކުއްޖާގެ ބައްޕަގެ ބަޔާން ނުވަތަ މައިންބަފައިން ނެތް ހާލަތެއްގައި ކުއްޖާގެ ބެލެނިވެރި ފަރާތުގެ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. އަދި ކުއްޖާގެ އުފަންވުން ހެކިކޮށްދޭނެ އިތުރު ފަރާތެއް ހުރި ނަމަ، އެ ފަރާތެއްގެ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

ކޯޓުން މިފަދަ މައްސަލަތައް 14 ދުވަސް ތެރޭ ނިންމަން ޖެހޭނެއެވެ. އަދި ކޯޓުން އެގޮތަށް ކަނޑައެޅުމާ އެކު، ހަތް ދުވަސް ތެރޭ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާ ގުޅޭ ކަންކަން ދައުލަތުން ކުރަން ޖެހޭނެ ކަމަށް ބިލްގައި ވެއެވެ.

މިބިލަށް އަމަލު ކުރަން ފަށާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލު ތަސްދީގުކުރެއްވުމުންނެވެ.

ހަނގުރާމަ ކުރާ ތަނަކަށް އުފަންވާ ކުދިންނަށް ދިވެހި ރައްޔިތުކަން ދޭނެ ގޮތްތައް ފާސްކުރިއިރު ރާއްޖެ އިން ބޭރުގައި ހިނގި ހަނގުރާމަތަކުގައި ބައިވެރިވި އެތައް ބަޔަކާއި އެމީހުންގެ ދަރިންނަށް ލިޔެކިޔުންތައް ނެތިގެން ރާއްޖެ ނާދެވިފައި މިހާރު ވެސް އެބަތިއްބެވެ.