މޯލްޑިވްސް ސްޓޭޓް ޝިޕިން ލިމިޓެޑް (އެމްއެސްއެސް) އިން އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. ޝިޕިން ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު "ވަގުތު"އަށް ވިދާޅުވީ އަލަށް ގެންނަ ބޯޓަކީ އިމާރާތްކުރުމުގެ ސިނާއަތައް ބޭނުންވާ ތަކެތި ގެނައުމަށް ހާއްސަކޮށްގެން ގެންނަ ބޯޓެއް ކަމަށެވެ.

"އެ ބޯޓުން ހިލަވެލި އާއި ސިމެންތި ފަދަ ތަކެތި ގެންނާނަން. އަމިއްލަ ފަރާތްތަކަށްވެސް އިމާރާތްކުރަން ބޭނުންވާ ސާމާނުތައް ގެންނާނެ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެކަމަށް ބޯޓެއް ހާއްސަކުރެވިގެން ދިޔުމުން ރާއްޖެ އެތެރެކުރާ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުތައް އެއް އަގެއްގައި ހިފެހެއްޓޭނެ ކަމަށެވެ.

އަންނަ އަހަރު ޖެނުއަރީ ތެރޭގައި ގެންނަ ބޯޓަކީ 45000 ޓަނުގެ ބޯޓެކެވެ. އެ ބޯޓު މިހާރު އޮތީ ރާއްޖެ އަންނަންވެގެން، އަރަބި ކަނޑުގައެވެ. އަމުރް ވިދާޅުވީ ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއެސްގަލޭނާ ބޯޓުގެ މުވައްޒަފުންގެ 99 އިންސައްތަ އަކީ ދިވެހިންނެވެ. މި ދާއިރާއަކީ ދިވެހިންގެ ފަހުރަކަށް ހަދައި މީހުން ތަމްރީނު ކުރުމަށް ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލުމަކީ އެމްއެސްއސްގެ އަމާޒެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ފްރައިޓްގެ އަގުތައް ބޮޑު ތަނުން އިތުރުވެގެން ދިޔައިރުވެސް ރާއްޖޭގެ ފްރައިޓްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިގެން ސަރުކާރުގެ އަމިއްލަ ޝިޕިންލައިނެއް އޮތުމުންނެވެ.

ދުނިޔޭގެ ފްރައިޓް ޗާޖަސް 300 އާ 400 އިންސައްތައާ ދެމެދު ބޮޑުވެގެން ދިޔައިރުވެސް އެމްއެސްއެސް އޮތުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އޭގެ މާބޮޑު އަސަރެއް ނުކޮށް ފްރައިޓް ޗާޖަސްތައް އެއް އަގެއްގައި ހިފެހެއްޓުނު ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ.

އެ ބޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރޭވެނެ ކަމުގެ ޔަގީންކަމާއެކު އެމްއެސްއެސްއިން ގަސްތުކުރަނީ މާލެއާ ކޮލަމްބޯއާ ދެމެދު ކޮންމެ އަށް ދުވަހުން ދަތުރުކުރަންށެވެ.

 

ކިޔުންތެރިންގެ ހިޔާލު