ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި ކޮނުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން ހަތް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަ މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.