ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގެ ދަށުން 78 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ޔޫތް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލްއެވެ. މި އެޕްރެންޓިޝިޕް ޕްރޮގްރާމްއަކީ ޔޫތް މިނިސްޓްރީއާ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީއާ ހަޔާއެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

https://twitter.com/Portmv/status/1465574462653300739

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "ވަގުތު"އަށް ވިދާޅުވީ އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށެވެ.

"ހެވީ ވެހިކަލް، މެރިން ވެސެލްސް، އިންޖިނިއަރިން، ސޭފްޓީ ދާއިރާއިން ތަމްރީނުވާން ފުރުސަތު ލިބޭނެ" ޝާހިދު ވިދާޅުވިއެވެ.

ތިއަރީގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ ޓިވެޓް އޮތޯރިޓީންނެވެ. އެއަށް ފަހު އެޕްރެންޓިޝިޕްގެ ކޮންމެ ބައިވެރއަކުވެސް ހަ މަސް ދުވަހުގެ މުއްދަތަށް އެމްޕީއެލްގައި މަސައްކަތްކުރަން ޖެހޭނެއެވެ. ބައިވެރިވާ ކޮންމެ ޒުވާނަކަށް އެލަވެންސްގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް އެމްޕީއެލުން ވަނީ ނިންމާފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް ގައުމީ ސަނަދުގެ ލެވެލް ތިނެއްގެ ސެޓްފިކްޓް ލިބޭނެއެވެ. އެ ސެޓްފިކެޓާއެކު ވަޒީފާތައް ހޯދަން ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެމްޕީއެލުން ވަޒީފާ ދޭނެ ކަމަށް ވިދާޅުވިއެވެ.