ޖަޕާނުން ކޮވިޑް-19 ގެ އާ ވައްތަރު ފެނިއްޖެއެވެ.

އެ ގައުމުން ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޮން" ފެނިފައި މިވަނީ ޖަޕާންގެ ބޯޑަރު ވަގުތީ ގޮތުން ހުރިހާ ގައުމެއްގެ މީހުންނަށް ބަންދުކޮށްފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވޭރިއަންޓް ފެނިފައި ވަނީ ނެމީބިއާގައި ހުރެފައި ޖަޕާނަށް އައި 30 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

އޮމިކްރޮން ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފައެވެ. އަދި މި ވައިރަސްގައިއެހެން ވައިރަސްތަކާ ހިލާފަށް މިއުޓޭޝަންސްތައް ވަރަށް ގިނަ ކަމަށް ވެސް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

އެކަމަކު، މި ވޭރިއަންޓް ޖެހިގެން މިހާތަނަށް އައިއިރު އެއްވެސް މީހަކު މަރުވެފައިވާ ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އެކަމަކު، މި ވޭރިއަންޓް ދުނިޔޭގެ އެކި ގައުމުތަކަށް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ޔޫރަޕާއި އޭޝިއާގެ ބޮޑެތި ގައުމުތައް ވެސް ހިމެނެއެވެ.

ޖަޕާންގެ ބޮޑުވަޒީރު ކިޝީޑާ ވިދާޅުވީ ބޯޑަރު ބަންދު ކުރަން ނިންމީ އެންމެ ގޯސް ހާލަތުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

"ހުރިހާ ގައުމެއްގެ މީހުންނަށް އަންގާރަ ދުވަހުން ފެށިގެން ޖަޕާންގެ ބޯޑަރު ބަންދު ކުރަން ވަނީ ނިންމާފައި. މިއީ ކުއްލި ހާލަތުގައި ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅެއް. މިއީ ޖަޕާން އެންމެ ނުރައްކާތެރި ހާލަތުން ސަލާމަތް ކުރުމަށްޓަކައި އެޅި ފިޔަވަޅެއް." ކިޝީޑާ ވިދާޅުވިއެވެ.

ކިޝީޑާ ވިދާޅުވީ ޖަޕާންގެ ބޯޑަރު ބަންދު ކުރުމަކީ ވަގުތީ ނިންމުމެއް ކަމަށާއި، މިނިންމުން ދެމިއޮންނާނީ މިހާރު ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާއި ގުޅޭ އިތުރު މައުލޫމާތުތައް ސައިންސްވެރިންނަށް ކަށަވަރު ކުރެވެންދެން ކަމަށެވެ.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް، އާއްމުކޮށް ކޮވިޑް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކާއި ބަލާފައި ކުޑަކަމަށް އެވޭރިއަންޓް ފުރަތަމަ ދެނެގަތް ދެކުނު އެފްރިކާގެ ޑޮކްޓަރު އެންޖެލީކް ކޮއިޓްޒީ ވަނީ ވިދާޅުވެފައެވެ.

ޑރ.އެންޖެލިކާ ވިދާޅުވީ އޮމިކްރޮން ވޭރިއަންޓް އަށް ފައްސިވި މީހުންގެ ކިބައިން ފެންނަނީ ކުދިކުދި އަލާމާތްތަކެއް ކަމަށެވެ. "ބަލި މީހުންގެ ކިބައިން ފެނުނު އަލާމާތްތަކަކީ ވައިރަލް އިންފެކްޝަނެއް ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް." ޑރ.އެންޖެލިކާ ވިދާޅުވިއެވެ.