ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމަކީ އިންސާފުވެރި ނިންމުމެއް ކަމަށާއި، މި ހުކުމުން ވެސް ރާއްޖޭގައި އިންސާފުވެރި ފަނޑިޔާރުން ތިބިކަން ކަމަށް ހާމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައިވާއިރު ޔާމީންގެ ސަޕޯޓަރުން ގެންދަނީ އުފާފާޅު ކުރަމުންނެވެ. ސަޕޯޓަރުން ބުނާ ގޮތުގައި ޔާމީން މިނިވަންވުމަކީ ހައްގަށް ނަސްރު ލިބުމެވެ.

ޔާމީނުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ ދަށު ކޯޓުން ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމަކީ ވެސް ސިޔާސީ ކަމެއް ކަމަށް ވިދާޅުވިއެވެ. މި ހުރިހާ ކަމަކާއެކީގައި ކޮންމެވެސް ހިސާބަކުން އިންސާފު ގާއިމްކުރާނެ ބަޔަކު އެބަތިބިކަން މިއަދު ހާމަވެއްޖެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ދަށުކޯޓުން މައްސަލަތައް ހިނގައި ދިޔައިރު، ސިޔާސީ ނުފޫޒު އިންތިހާއަށް އޮތް ކަމަށް. އަޅުގަނޑު ގޮވާލަން ދަށުކޯޓުން ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރަން" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް މިއަދު އެ ޕާޓީގެ އޮފީހުގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއެކު ޔާމީނުގެ މައްޗަށް އުފުލާފައިވާ އެހެން ހުރިހާ ދައުވާއެއް ބާތިލްވާން ޖެހޭނެ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމުން ދޭހަކޮށްދެނީ ފާސިގުން ދީފައިވާ ހެކިބަހަކީ ތަހުގީގުގައި ވެސް ގަބޫލުކުރެވޭނެ ހެކިބަހެއް ނޫން ކަމެވެ. ޝިޔާމް ވިދާޅުވީ ދެންހުރި ޔާމީނުގެ މައްސަލަތަކަށް ފާސިގުންގެ ހެކިބަސް ނެގިފައިވާނަމަ، ހެކިބަސް ބާތިލްވާން ޖެހޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުވާ ކުރި މަނީ ލޯންޑްރިންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މައްސަލާގައި ހުކުމް އިއްވަވަމުން ރައުޔު ހާމަކުރެއްވީ ފަނޑިޔާރު މަހާޒެވެ. ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ފަނޑިޔާރު މަހާޒްގެ ރައުޔައަށް ތާއީދު ކުރެއްވިއެވެ. ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާއި، ހައި ކޯޓުން އެ ހުކުމަށް ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެންޖެހޭ ޗެކެއް ކަމާ މެދު ފާޅުކަން ބޮޑު ސުވާލުތަކެއް އުފެދުމުންނެވެ.