ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު ބަދަލު ނުވާ ކަމަށާއި ރާއްޖޭގައި އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ޖަލަށްލާފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުން ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމް ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

ޔާމީން މިނިވަންވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަންގެ ކައުންސިލުން އޮތީ ނިންމައިފައެވެ. އެކަމަކު، ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އައިސްފައި އޮތުމުންނާއި ޖަލު ހުކުމް ރިޔާސީ އިންތިހާބުގެ ކުރިން ތަންފީޒުކޮށް ނުނިމޭނެތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމާ މެދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ސުވާލު އުފެއްދިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު މި ސުވާލުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ އަހަރު އޮންނާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށެވެ.

"މާ ކުރިން ފެށިގެން އަޅުގަނޑުމެން ނިންމާފައިވާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން [ކަމަށް]. އެޔަށް އަޅުގަނޑުމެން ބަދަލެއް ނުގެންނަން. އިރާދަކުރެއްވިއްޔާ ރާއްޖޭގައި އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން" އަދުރޭ ވިދާޅުވިއެވެ.

މި ހުކުމުގެ ސަބަބުން އަނިޔާވެރިކަން އަބަދަށް ދެމިގެން ނުދާނެކަން އެނގިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގައެވެ. އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ތުހުމަތު ކުރިއެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރިއެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ސަލާމަތްވީއެވެ.

ޔާމީނަށް ހުކުމް ކުރުމާ ހަމައަށް އެމަނިކުފާނު ގެންދެވީ ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ޔާމީންގެ ސިޔާސީ މަސައްކަތް އެއްކޮށް ހުއްޓުނެވެ. އަދި ވަރަށް ގިނަ ދުވަސް ވަންދެން މާފުށީ ޖަލުގައި ވެސް އޮންނެވިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު 2023 ގެ އިންތިހާބުގައި ވާދަކުރަން ޔާމީނަށް ގާނޫނީ އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ.

ޔާމީން މިނިވަންވިޔަސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ.