ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ އިސްތިއުނާފް ޝަރީއަތް ނިންމައި ސުޕްރީމް ކޯޓު މިއަދު ރިސެސް އަށް ހިނގައްޖެއެވެ.

ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމާ ގުޅިގެން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބިވަޑައިގަންނަވާނެއެވެ.

ޝަރުއީ ދާއިރާގައި އެންމެ ފަހު ބަސް ބުނާ ކޯޓު ރިސެސް އަށް ދިޔަ އިރު، އެ ކޯޓުގައި ހިނގަމުން އައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޔާމީންގެ މައްސަލައިގައި މިއަދު ވަނީ ހުކުމަކާ ހަމައަށް ވާސިލްވެފައެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12 ގައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާލީ ދެ މަސް ދުވަސް ފަހުންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ވެސް ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ގާތްގަނޑަކަށް ތިރީހަކަށް ގަޑިއިރު ދިޔައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ވަނީ މިނިވަން ވެފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ޖަލަށްލާފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. އެމަނިކުފާނު މިނިވަން މިވީ ޖަލު ހުކުމް ތަންފީޒު ކުރައްވާތާ ދެ އަހަރު ފަހުންނެވެ. އެކަމަކު، މިފަހުން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ ގޭބަންދުގައެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގައެވެ. އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ތުހުމަތު ކުރިއެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރިއެވެ.

އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުގެ ހުކުމް ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ސަލާމަތްވީއެވެ.

ކިޔުންތެރިންގެ ހިޔާލު