"އޮމިކްރޮން" ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއަށް ދަތުރު ކޮށްފައި ނުވާ މީހަކު ޖަރުމަންވިލާތުން އެވޭރިއެންޓަށް ފައްސިވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަ ކޮށްފިއެވެ.

ޖަރުމަންވިލާތުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ލިޕްޒިގުން ފައްސިވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އެވޭރިއެންޓަށް ފައްސިވެފައިވާއިރު، ދެކުނު އެފްރިކާއަށް ވެސް އަދި އެވޭރިއެންޓަށް ފައްސިވެފައިވާ މީހަކާއި ބައްދަލުވެސް ނުވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ލިޕްޒިގްއަށް ބަލާއިރު، އެސިޓީއަކީ އެގައުމުގެ ސިޓީތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހަކު މި ބައްޔަށް ފައްސިވެފައިވާ އެއް ސިޓީއެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކޮވިޑްގެ އެ ވައްތަރު ފެނުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ވޭރިއެންޓް އެގައުމުން ފެނުމުގެ ކުރިން އެހެން ގައުމުތަކުން ފެނިފައިވާ ކަމަށެވެ.

އެގޮތުން ނެދެލޭންޑުގެ ސަރުކާރުން ވެސް ވަނީ އެގައުމުން ކޮވިޑް ފެނިފައިވަނީ ދެކުނު އެފްރިކާއަށް ދަތުރު ނުކުރާ މީހެއްގެ ގައިން ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފައެވެ. އަދި މި ވައިރަސްގައިއެހެން ވައިރަސްތަކާ ހިލާފަށް މިއުޓޭޝަންސްތައް ވަރަށް ގިނަ ކަމަށް ވެސް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

އެކަމަކު، މި ވޭރިއަންޓް ޖެހިގެން މިހާތަނަށް އައިއިރު އެއްވެސް މީހަކު މަރުވެފައިވާ ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.