ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސާޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ބައްދަލުކުރައްވައި، އެ ދިރާސާގެ މަސައްކަތް ކުރިޔަށްދާގޮތުގެ މައުލޫމާތު އޮޅުންފިލުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތް އަލީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ޕޮލިސީއަށް ހާއްސަ އެޑްވައިޒަރ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ކުރިޔަށް ގެންދާ މި ދިރާސާގެ ސަބަބުން ތައުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެވިގެންދާނެ ކަމަށެވެ. އަދި މި ދިރާސާ އަކީ ތައުލީމީ ދާއިރާއަށް މީހުންގެ ޝައުގުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޓީޗރުންގެ ގާަބިލްކަން އިތުރުކުރުމަށާއި، ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ހަ ބޭފުޅުންގެ ކޮމިޓީއިން ފުރިހަމަ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މި ގުރޫޕުން ކުރިޔަށްގެންދާ މި ދިރާސާގެ ކުރިއެރުންތައް ބައްދަލުވުމުގައި ހިއްސާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މައުލޫމާތާއި، ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ގުރޫޕުގެ ބޭފުޅުން ވިދާޅުވިއެވެ.

އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިޔަށްގެންދާކަމަށާއި އަދި ޓީޗަރުންގެ ސާރވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާކަމުގައި ވެސް ރިސާޗް ގުރޫޕުން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ އިބޫ

    ރިސާޗެއް ބޢޭނުމެއްނޫން މިކަމަކަށް މިހާރުވެސް ޓީޗަރުންގެ މުސާރަ 20000ރ އަށް އުފުލައިލުމުން ދިވެހިންގެ ގިނަބަޔަކު (ފެންވަރު ރަގަޅު) ޓީޗަރުކަމަށް އަންނާނެ. ނާގާބިލު ސަރުކާރެއްމީ

  2. ކޮއްކޯ

    ސިޔާސީމީހުން އަބަދުވެސް ބުނެއުޅެނީ ޓީޗަރުންނަކީ މުސާރަ ދެވޭވަރުގެ ބައެއްނޫނޭ. ވީ އިރު ކޮންކަމަކާބާވަ ރިސާޗް ހަދަންވީ؟