އައްޑޫސިޓީން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ނެރުނު ކޮވިޑްގެ އަދާހަމަތަކަށް ބަލާއިރު، އެ ސިޓީން މިއަދު ފައްސިވި 13 މީހުންނާއެކު އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2798 އަށް އަރާފައެވެ. އޭގެ ތެރެއިން 2525 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 263 މީހަކު މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

އައްޑޫން މިއަދު ފައްސިވި 13 މީހުންގެ ތެރެއިން ނުވަ މީހަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އަދި މަރަދޫން ދެ މީހަކު ފައްސިވެފައިވާއިރު، މަރަދޫން ފޭދޫން އެކަކު އަދި މީދުން އެކަކު ވަނީ ފައްސިވެފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު މިވަގުތު އެންމެ ގިނަ މީހުން ފައްސިވެފައިތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މި ބައްޔަށް ފައްސިވެފައިވާ 174 މީހަކު ތިބިއިރު، މަރަދޫގައި 41، މަރަދޫ ފޭދޫގައި ހަތަރެއް، ފޭދޫގައި 15، ހުޅުދޫގައި އަށެއް އަދި މީދޫގައި 19 މީހަކު އެބަ ތިއްބެވެ.

އައްޑޫގައި ކޮވިޑަށް ފައްސިވެފައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، މި ބަލީގައި އެސިޓީން މިހާތަނަށް 10 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ މިދިޔަ އޮގަސްޓުން ފެށިގެން ކޮވިޑް ފެތުރެމުން އަންނާތީ ދާދި ފަހުން އެސިޓީގައި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއް ގެއިން އަނެއް ގެއަށް ދިއުމާއި މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ ކުޅިވަރު ތަކާއި ހަފްލާތައް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ.