ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އެލަވެންސް ބޮޑު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކޮށްގެން މިރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ޕްރޮގްރާމްގައި އެމީހާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެލަވެންސް އިތުރު ކުރުމަށް ނަޝީދު ނުވިސްނަވާތޯ ސުވާލު ކޮށްފައެވެ.

ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތް ފުރަތަމަ ކަނޑައެޅުނު ގޮތަށް އަދި މިހާތަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެކަމަށް އިންފްލޭޝަނާއި އެއްވަރުވާ މިންވަރަކަށް ބަދަލެއް އައުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

"ދޮށީ އުމުރުގެ މީހުންގެ އިނާޔަތަށް ބަދަލެއް އަތުވެއްޖެ. އެހެންމަ ތި ވިދާޅުވަނީ ރަނގަޅަށް. އަޅުގަނޑަށް ވެސް ފާހަގަވޭ އެއީ ބަދަލެއް އަންނަން ޖެހޭނެ ކަމެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން މިހާރު ދެމުން އަންނަ 2000ރ. ގެ ބަދަލުގައި 5000ރ. އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުން އަންނަނީ އެކަށީގެންވާ މިންވަރެއްގެ އެލަވެންސެއް ނޫން ކަމަށް ބުނެ ސޮއި ކުރަމުން އަންނަ މި ޕެޓިޝަން ހުށަހަޅަން ނިންމާފައިވަނީ ރައީސް އޮފީހަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީ ބޭނުންވާ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހަށް 2019 ވަނަ އަހަރު ބިލެއް ވެސް ހުށަހެޅިއެވެ.

އެކަމަކު، އެ ބިލަށް މަޖިލިހުގެ ތާއީދު ނުލިބި ވަނީ ބޭރުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ސިކުޑީގެ މައްސަލަ އުޅޭކަން ޔަގީން ވީތާ؟ ސަޅިކަމެއްތީ އޭރަށް މިހާރު މިޤައުމުގައި ހުރި އެންމެގިނަ އެލަވަންސް ނަގާ މީހާ އަށް އަނެއްކާ އިތުރު އެލަވަންސް އެއް ލިބޭނެ އަވަހަށް ތި އެލަވަންސް ބޮޑުކުރޭ. އަމިއްލަ ފައިދާ އަށް ނުވާގޮތަށް އެއްވެސް ކަމެއް ކުރާނެ މީހެއްނޫން ތީ.

  2. މުދިންބެ

    ރަގަޅުކަމެއް. އެކަމަށްބިލެއް ލައިފިނަމަ ބޭރުކޮއްލަނީ. މިއީކޮންވާހަކައެއް؟ އިޙްލާސްތެރިކަމެއްނެޓް. ގަޓްރައީސް ޔާމީންހުރިނަމަ ތިކަން ކޮއްލީސް. މާގިނަވާހަކަޔެއް ނުދައްކާނެ. ކަންކޮއްލާނެ.

  3. ޢަދުރޭ

    އެކިއެކި އިލެވެންސް ދޭންވީ މަނިކުފާނުގެ އަމިއްލަ ޖީބުން ދެންޏާ އޯކޭ . މީގައި މި ދިމާވާ މައްސަލަ އަކީ ލިބޭ ޢާމްދަނީން ދެކޮޅު ނުޖެހޭ މީހުން އަތުން ތަފާތު ޓެކްސްތައް ނަގައިގެން ބަހަނީ އެކަމުގެ ރީތިނަން ކާލަނީ މަނިކުފާނު . ރައްޔިތުން ދިޔަފެލައިގެން ކަންކަން ކުރުމުގެ ބަދަލުގައި ބޭރުން ރާއްޖެއަށް ފައިސާ ވަންނާނެ ގޮތެއް ހޯއްދަވައިދެއްވާ ނަމަ އިޚްލާސްތެރި ޚިދުމަތެއް ކަމަށް ބެލިދާނެ އޭރުން މަނިކުފާނަށް ޝުކުރުވެސް ޙައްޤު . އެއާ ޚިލާފަށް ޕެންޝަން ފަންޑު މަނިކުފާނުގެ މަޤްބޫލުކަން ހޯދުމަށްޓަކައި ވަނީ ކަތިލާލެވިފައި . 20 އަހަރުން ޚިދުމަތް ކުރީމަ ލިބެމުން އައި ޕެންޝަން 65 އަހަރަށް ބަދަލު ކުރި / މަސައްކަތް ކުރާމީހާޔާ ނުކުރާ މީހާ ހަމަހަމަ .ޢެތައް ބައެއްގެ ޕެންޝަން ޙައްޤު މިކަމުން ގެއްލުވާލާފާ މަނިކުފާނު އޭގެވެސް ނަން ހޯދައިގެން ތި ހުންނެވީ . މަނިކުފާނަށް ވީ ގެއްލުމެއް ނެތް .

    10
  4. އަހުމަދު

    ދައުލަތުގެ ހުރިހާ ބާރެއް އަތްދަށު ލައިގެން ކަމެއް ނުކޮށް ފޮނި އަނގަ ތެޅުން ކަމަކީ.

    2
    1