މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ އެތައް ދައުވާއަކާއި ކުރިމަތިލާން ޖެހިފައިވާ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް އެދެން ފުލުހުން ތައްޔާރުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން އެމައުލޫމާތު އިންޓަޕޯލް އާއި ހިއްސާކޮށް އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަލީ ވަހީދު މިހާރު ދިރިއުޅެމުން ގެންދަނީ އިނގިރޭސިވިލާތުގައެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުނުވުމުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތް ނަމަވެސް މިހާތަނަށް އަލީ ވަހީދު ހޯދަން ފުލުހުން އިންޓަޕޯލްގެ އެހީއަށް އެދިފައެއް ނެތެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. "އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ. ރެޑް ނޯޓިސް ނެރެފައިވާ މީހަކު އިނގިރޭސިވިލާތުން ހައްޔަރު ކުރެވިއްޖެނަމަ އެމީހަކު ހައްޔަރު ކުރަން ނޯޓިސް އަށް އެދުނު ގައުމު މެދުވެރިކޮށް ރެޑް ނޯޓިސް ފިޔަވައި އެހެން ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދެއެވެ. އެއަމުރު ލިބެންދެން ރެޑް ނޯޓިސް ނެރެފައިވާ މީހާ އިމިގްރޭޝަން ސެންޓަރެއްގައި ބަންދު ވެސް ކުރެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެމީހަކު ހައްޔަރު ކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

އެހެންކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޒަ

    ދެއަނގަ އޮންނަ ބައެއް ،.އެކިފަހަރު އެކިގޮތަށް ،،، ވާނުވާ ،،،.

  2. އިސްޢާފް ސަލީމް

    37 މިލިޔަންގެ ވައްކަން ފޮރުވަން ޢަލީވަޙީދަށް ބިރުދައްކައިގެން އިބްރާހީމް އަށް ލިބޭނޭ ފައިދާއެއް ނޯންނާނެއެވެ.