ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ވަނީ މި މަހު 30ގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރުގެ ގަރާރުގައި ވިދާޅުވީ އެގޮތަށް ނިންމެވީ، ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އާއްމު ގޮތެއްގައި މިހާރު ކޮންމެ މަހަކު ވެސް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަމުން އަންނަނީ މަސް ދުވަހަށެވެ.

ކޮވިޑާއި ގުޅިގެން މީހުން ކަރަންޓީން ކުރުމާއި، ކޮވިޑް ފެންނަ ރަށްރަށުން ފުރައިގެން ދަތުރު ކުރުން މަނާ ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރިއިރު ނޮވެމްބަރ މަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އޭގެ ކުރީ ތިން މަހަށް ވުރެ ވެސް އިތުރުވެފައެވެ. މިހާރު މާލެ އަށްވުރެ ބޮޑަށް ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާސާ އިބޫ

    ހެލްތު ދާއިރާއަށް އޮތް ބލވެރިކަމަކީ ކެރަފާ ނަސީމު

  2. ނުލިބޭ ތިއެއް

    މީނަތަ މިހާރު މިކަން ކުރާމީހަކީ ކޮބާ މޫނާ

  3. ޜެސޯޓް

    ޜ.އަތޮޅުން މޮނިޓަރިންގ ގައި ހުރި ރަށްތައް ޖަހަާކަ ދީބަލަ ވަަގުތު ކުދިން

  4. ޒޫނާ އަބްދުލް ވައްޙާބު

    2023 ޖަހާލަ ބަލަ ، ހެލްތު މިނިސްޓަރަށް ކޮށްލަން އޮންނަ ހަމަ އެކަނި ކަމަކީ މިއީބާ؟ މަހުން މަހުން ކޮވިޑް މުއްދަތު ޖަހާލުން