ފަސް އަހަރު ދުވަހެއްގެ ޖަލު ހުކުމަކުން ސަލާމަވްވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ސެކިއުރިޓީ ހަމަޖައްސައިދީފިއެވެ.

އިއްޔެ ޔާމީން މިނިވަންވެގެން ގެއަށް ވަޑައިގަތްއިރުވެސް އެމަނިކުފާނަށް ސެއިކުރިޓީ ހަމަޖައްސާ ދީފައެއް ނުވެއެވެ. ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް "ވަގުތު"އަށް މިއަދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފުން ޔާމިނަށް ސެކިއުރިޓީ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދެ ހަށިފާރަވެރިއަކު ވަނީ ޔާމީނަށް ހަމަޖައްސައިދީފައެވެ.

"ސިފައިންނަށް ހަވާލުކޮށްފައިވާ ޒިންމާ ރަނގަޅަށް އަދާކުރާނެ ކަމުގެ އުއްމީދު އެބައޮތް" ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެކިއުރިޓީ ހަމަޖެހުން ލަސްވެގެން ދިޔައީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކަމަށް އެއްބަސްވެ ވަޑައިނުގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވެއެވެ.

"މާރިޔާއަކީ ވަރަށް ޒާތީ މީހެއް. އޭނާ އޯކެ ނުވެގެން ސެކިއުރިޓީ ހަމަޖެއްސުން ލަސްވީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޔާމީން މިނިވަން ނުވާނެ ކަމަށް ބަލައި، 2022 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައި އެމަނިކުފާނުގެ އިނާޔަތްތައް ހިމަނާފައެއް ނުވެއެވެ. އަންނަ އަހަރަށް ލަފާކޮށް ދިވެހި ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ޔާމީނަށް އެލަވަންސް ދިނުމަށް ބަޖެޓްގައި ފައިސާ ނުހިމެނިނަމަވެސް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓްގެ ތެރެއިން ވެސް އެފައިސާ ހަމަޖެއްސުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

މަނީ ލޯންޑާގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަން ކޮށްފައިވާ މައިގަނޑު ސަބަބަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ސުވާލު އުފެދުމުންނެވެ.

މި ހުކުމުގެ ރައުޔު އިއްވެވީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ޑރ. މުހައްމަދު އިބްރާހީމް ވަނީ ފަނޑިޔާރު މަހާޒްގެ ރައުޔައަށް ތާއީދު ކުރައްވައިފައެވެ.

ރައީސް ޔާމީން މިވަގުތަށް މިނިވަންވި ނަމަވެސް، އެމަނިކުފާނުގެ ދެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ އެއީ ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ﷲ ހެކި ކޮށް ބުނަން ކެރިދާނެ ތިޔަ މާރިޔާ ހަމަޖައްސާ ސެކިއުރިޓީއަށް އިތުބާރު ކުރުމަކީ ބިރުވެރިކަމެއް. މާރިޔާ އަކީ މި ޤައުމަށް ގައްދާރުވަމުން އަންނަ ހާއިނެއް މީނާ ކިހިނެއް ރޔ އަށް ހެޔޮ އެދޭނީ؟ 100% ރޔ އަށް ހަސަދަވެރިވާ ގައްދާރެއް މާރިޔާ އަކީ.

    13
  2. އިސްޢާފް ސަލީމް

    ސިންގާ: އޭ ކުޑަކުޑަ ބަކިރއެވެ. ކަލޭ ތިޔަ ހަޑިކުރަނީ އަހުރެން ބޯ ފެންގަނޑެވެ.
    ބަކަރި: އެހެން ނުވާނެ ނޫންތޯއެވެ؟ މަނިކުފާނު ތިއިތީ މަތީގައެވެ. އަޅުގަނޑު މިއޮތީ ތިރީގައެވެ. ފެންގަނޑު ދެމެނީ މަތިން ތިރިއަށެވެ.
    ސިންގާ: މިދިޔައަހަރުވެސް މަށަށް މަލާމާތްކުރީމު ނޫންހެއްޔެވެ؟
    ބަކަރި: ނޫނެކެވެ. އަޅުގަނޑު އުފަންވީ މިއަހަރުއެވެ.
    ސިންގާ: އެހންވިއްޔާ މަށަށް މަލާމަތްކުރީ ކަލޭގެ ބޭބެއެވެ. ނުވަތަ ދައްތައެވެ، ނުވަތަ ކޮއްކޮއެވެ. ނުވަތަ ކަލެޔާ ތިމާގެ ، ނުވަތަ ކަލޭގެ ރައްޓެއްސެކެވެ.
    ބަކަރި: އަޅުގަނޑުގެ ބޭބެއެއް ދައްތައެއް ކޮއްކޮއެއް ތިމާގެ މީހެއް ނުހުރެއެވެ. އަޅުގަނޑު ކުޑަކަމުން އަދި ރައްޓެއްސެއްވެސް ނެތެވެ.
    ސިންގާ: ބޭކާރު ވަހަކަ ދިގުކޮށް މަށާ ޒުވާބުކުރަނީހެއްޔެވެ؟
    ބަކަރި: ނޫން އަޅުގަނޑު މިދެންނެވީ ތެދެވެ.
    ސިންގާ: ތިހެންނަކުން ނުވާނެއެވެ. ކަލޭ ކައިނުލާ ދޫކުރެވޭކަށް ނެތެވެ. އަހުރެން މިއޮތީ ވަރަށް ބަނޑުހައިވެސް ވެފައެވެ. މިހެންބުނެ ފުންމައިގެން އައިސް ބަކަރި އަތުލައިގަނެ ކައިލާފިއެވެ. ޔާމީނާ ދޭތެރޭ މި ސަރުކާރުން ދައްކާ ބަހަނާއަކީވެސް ހަމަ މިއީއެވެ.

    • ސޯލިބޭ

      ވަރަށްފުރިހަމ މިސާލެއް.

  3. މިރު

    މަރުހަބާ މަރުޙަބާ ރައީސް ޔާމީން.