މާލޭގެ މަގުތަކާއި ޕާކްތަކާއި މައިޒާންތަކުން ވަކި ލިމިޓަކާ ހަމައަށް ހިލޭ ވައިފައި ލިބޭ ގޮތަށް މާލެ "ޑިޖިޓަލް"ކޮށްލުމަކީ އަންނަ އަހަރު ހިނގާނެ އެންމެ ބޮޑު އެއް ކަންތައް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ އަންނަ އަހަރު މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަމަކީ މާލެ ސިޓީ، ޑިޖިޓަލް މާލެއަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މަގުތަކާއި އާންމު މައިދާންތަކާއި ޕާކްތައް ފަދަ އާންމުން ބޭނުން ކުރާ ހުރިހާ ސަރަހައްދަކީ ވަކި ލިމިޓަކާ ހަމައަށް ފްރީ ވައިފައި ލިބޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އޭގެ ވަރަށް ގިނަ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އޭގެ އިތުރަށް ސީސީޓީވީ ކަވަރޭޖް ނެޓްވޯކެއް ގާއިމު ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. މިހާރު އިއުލާންކޮށްފައި އެ އޮތީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ފޭސްގެ ދަށުން ހުރިހާ މިސްކިތްތަކެއްގެ އެތެރެ އާއި ބޭރާއި ވަށައިގެންވާ ސަރަހައްދު ކެމެރާ އިން ކަވަރު ކުރާނެ ކަމަށެވެ. ދެވަނަ ފޭސްގެ ދަށުން ބާކީ ހުރި ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިޖިޓަލް ބޯޑުތައް ހަރުކޮށް ޑިޖިޓަލައިޒް ކުރެވި، މާލެއަކީ މޮޑާން، ފެހި، ހިތްފަސޭހަ ސިޓީއަކަށް ހެދުމަކީ ބޮޑު ކަމަކަށް ހިނގާނެ މި އަންނަ އަހަރު،" މުއިއްޒު ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ ޑިޖިޓަލް ސިޓީއަކަށް މާލެ ސިޓީ ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން މާލެ ޑިޖިޓަލައިޒް ކުރެވިއްޖެ ނަމަ، މާލެ ސިޓީ ކައުންސިލުންދޭ ހިދުމަތްތަކާއި އެހެނިހެން ކަންކަން ފަސޭހަކަމާއެކު ކުރަން މަގުފަހިވާނެ ކަމަށެވެ.

މާލޭގައި ވައިފައިގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ކައުންސިލްގެ އާއި މޭޔަރުގެ ވެސް ވަރަށް ބޮޑު އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  އެންމެން ޔޫސްކުރާއެއްޗެހި ވަރަށް ސްލޯވާނެ.ޓައިމް ލިމިޓޭޝަން ދުއްވާލުމަކީ ފޯނު ރޫޓް ކޮށްގެން އަދި އިތުރު ކަންތައްތަކެއް ކޮށްގެން ކުރެވިދާނެކަމެއް.

 2. Anonymous

  ޢޭރުން އެކްސި ޑެންޑް ތައްގިނަވެ އައުގުރާނަސައިޓް ތަކަށްވަންނަ މީހުން އޭތި މަގު މަތީ ޑިސްޕްލޭ ކުރަމުން މަތަނުވެގެން މީހުންގެ ގަޔަށް ބޮލަށް ނޭރިޔަސް ރަނގަޅު

  3
  5
 3. ހަސަނު

  ގަބޫލު ކުރިޔަށް ނުކުރިޔަސް ...ނުބައިކަންތައް ހައްދު ފަހަނައަޅާ ދާނެކަމީ ޝައްކެއްވެސް ނެތް ކަމެއް..ތިޔަށްވުރެ ނިކަމެތިންނަށް ގެދޮރު ހޯދަދިނުމަށް ރަށްފުށުގެ މަސައްކަތް ކުރިޔަސް މާބޮޑުތަން ރަނގަޅުވާނެ..
  މި ޚިޔާލު ޖަހާލަދެއްޗޭ..
  ވަގުތުމީހުން ވަރަށް ޒާތީވާނެ..ބޭނުންމީހެއްގެ ކޮމެންޓު ޖަހާނީ..ވ.ދެރަކަމެއް..
  ޝުކުރިއްޔާ

  4
  8
 4. Anonymous

  ވައިފައި ކުރުމަ ވުރެ މި ބޮލަ ފައިބާ ފެން ނުފައިބާނެ ގޮތެއް ހަދަން ވެއްޖެ އެއްނު. ގޭގެއިން އެއްޗެހި ދޮވެފަ ވެސް ފެންގަނޑު މަގު މައްޗައް. އޭސީ ހޮޅިތައް އެއްވެސް ތަރުތީބެއް ނެތި މަގުމައްޗަށް. މަގުމަތިން ދާއިރު ގަޔައް ފެންތިކި ޖަހާތީ ހުންނަނި ހިތް ނުތަނަވަސް ކަމެއްގަ އެއީ ފެނެއް ކަމެ ކުޅުކަމެއް ނޫނީ އެހެން ނަޖިހެއް ކަމެއް އެނގެނީ އެއްނޫން.

 5. ....

  އަނގައޭ ކިޔާބަލަ. ސުލްތާން ޕާކުގަ މިހާރުވެސް ފުރީ ވައިފައި ލިބޭ އެކަމަކު އޭގެން އެއްވެސް ބޭނުމެއް ނުކުރެވޭ. ކާނިވަލް ކައިރީގަ ހުންނަ ބޮޑު ބަސް ސްޓޮޕް ކައިރީގަވެސް ފުރީ ވައިފައި ހުންނަ ކަމައް ދައްކާފަ ހުންނަނި އެކަމަކު އެއްވެސް ބޭނުމެއް ނުކުރެވޭ.

  2
  1
 6. ސަމާ މާލެ

  ތި ވައިފައި ބޭނުން ކުރާނީ ބަންގާޅީން.

 7. ޤަބުކުއްޖާ

  ތިޔަ ވައިފައި މުޅިމާލެ ކުރުމަށް ވުރެ މާރަނގަޅުވާނެ ސުކޫލް ތަކަށް ތިޔަވައިފައި ލިބޭމެ ގޮތް ހެދިއްޔާ މުއަށްޒިފުން އެތަން ތަނު
  ގައި އުޅެނީ އެމީހުންގެ އަމިއްލަ ޑާޓާގަ ވިއްޔާ
  އަމިއްލަ ޑާޓާ ނެތިއްޔާ މެސެޖުގަޑެއް ވެސް ލިބެނީ ނޫނިއްޔާ.