މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަޝިޕްގެ ފުރުސަތު އިތުރު ކުރަން ނައިބު ރައީސް ފައިސަލް ނަސީމް، ދެކުނު ކޮރެއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން، އާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.

އަންގާރަ ދުވަހަކީ، ރާއްޖެ އާއި ދެކުނު ކޮރެއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތު ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގައެވެ.

އަދި، މަތީ ތައުލީމުގެ ދާއިރާއިން ސްކޮލަޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުސަތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ނައިބު ރައީސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކައިގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާޒްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތައުރީފު ކުރެއްވިއެވެ. މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމުގައެވެ. އަދި، ތިމާވެށީގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވިއެވެ.

ރާއްޖެ އާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ނޮވެމްބަރު 30، 1967 ގައެވެ.