ސްކޫލް ބަންދު ދުވަސްތަކާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހިތާނީ ކޭމްޕް ފަށަން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހިތާނީ ކޭމްޕް ކުރިއަށް ގެންދާނީ މި މަހު 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ހިތާނު ކުރުމުގައި އެ ހޮސްޕިޓަލުގެ ހުނަރުވެރި ސާޖަރީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުން ހަރަކާތްތެރިވާނެއެވެ.

އެގޮތުން، ޖުމްލަ ހަ ޑޮކްޓަރުން ހަރަކާތްތެރި ވާނެ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. އެ ޓީމުގައި، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. އަބްދުﷲ އުބައިދު، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް އަދި ޑރ. އައިޝަތު އަޒްނާ މަސައްކަތް ކުރައްވާނެއެވެ. އަދި ކުޑަކަމުދާ ނިޒާމްގެ ހާއްސަ ޑރ. މެހްމެތު އޯޑާ އެ ޓީމުގައި ހިމެނެއެވެ.

މިފަަހަރު ހިތާނީ ކޭމްޕްގައި ފުރުސަތު ދޭނީ 200 ކުއްޖަކަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަހަރު ކުރިޔަށް ގެންދާ ހިތާނީ ކޭމްޕުގެ ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށް ފަހު 4000ރ. އެވެ.

މިއަހަރުގެ ކޭމްޕުގައި އެކި ޕެކޭޖުތައް ކަނޑައަޅާފައިވާއިރު، އިނީޝިއަލް އޯޕީ ކޮންސަލްޓޭޝަން އަދި ޕްރީ އެނެސްތީޝިއާ އިންވެސްޓިގޭޝަންސް ހިމަނާފައިވެއެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑްކުރުމަށް، ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ވެސް ކަނޑައަޅާފައިވެއެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރަން ގުޅަން ޖެހޭ ނަންބަރަކީ 3351610 އެވެ.