ލަގެޖުގައި ފޮރުވައިގެން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އަންހެންމީހާ ބަންދުން ދޫކޮށްލައިފިއެވެ.

ބްރެޒިލް އިން އައި ދެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 94 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ނޮވެމްބަރ މަހުގެ 02 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އިން ހައްޔަރުކުރީ 37 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ބްރެޒިލަށް ނިސްބަތްވާ ދެ މީހުންނެވެ.

އަންހެންމީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތަކާ ނުލައި އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.

ފިރިހެން މީހާގެ ލަގެޖުން 18 ކިލޯ ކޮކެއިން ފެނުނު ނަމަވެސް، ފުލުހުން އަންހެން މީހާ ހައްޔަރުކުރީ އެކަން އޭނާއަށް އެނގޭނެ ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން އަންހެން މީހާއަށް ތުހުމަތު ކުރީ ދެމީހުން އެކުގައި ދަތުރުކުރުމުންނާއި މަސްތުވާތަކެތި ފޮރުވާފައި ހުރި ލަގެޖުގައި ދެމީހުންގެ އަންނައުނު ހުރުމުންނެވެ. އަދި ބަންދުގައި ހުރި ފިރިހެން މީހާ އެ މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނާތީއެވެ.

ނަމަވެސް އަންހެން މީހާ ބުނީ އެ ލަގެޖު ބަލައިފާސްކުރީ އޭނާގެ ހާޒިރުގައި ނޫން ކަމަށާއި އޭނާގެ ޣައިރު ހާޒިރުގައި ބަލައިފާސްކުރި އެއްޗަކުން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާވާންޖެހޭ ސަބަބެއް ނެތް ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ. ލަގެޖު ބަލައިފާސްކުރީ ފިރިހެން މީހާގެ ހާޒިރުގަ އެވެ.

އަންހެން މީހާ ބުނީ ދެ މީހުން އެއް ލަގެޖަކަށް އެއްޗެހި އެޅީ ދިގު ދަތުރު ކުރާއިރު ގިނަ ލަގެޖު ގެންދަން ދަތިވާނެ ކަމަށް ފިރިހެން މީހާ ބުނުމުން ކަމަށާއި އެކުގައި ދަތުރުކުރުމަކީ އޭނާއަށް ތުހުމަތުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ބެލޭނީ ދެ އުންސުރެއް ފުރިހަމަވެގެން ކަމަށް މަސްތުވާތަކެތީގެ ގާނޫނު ބުނާ ކަމަށާއި ނަމަވެސް މި މައްސަލާގައި އޭގެން އެއްވެސް އުންސުރެއް ފުރިހަމަވި ކަމަށް ބަލާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށެވެ.

އެކުގައި ދަތުރުކުރުމާއި އެއް ލަގެޖެއްގައި އަންނައުނު ހުރުމަކީ މަސްތުވާތަކެތި ލަގެޖުގައި ހުރިކަމަށް ބަލާނެ ކޮންމެސް ވަރެއްގެ ހެކި ނަމަވެސް، އެއީ އަންހެން މީހާގެ އެނގުމާއި ރުހުމާއެކު ކުރި ކަމެއްކަން ސާބިތުކޮށްދޭން މަހެއްހާ ދުވަސް ވީއިރު އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަން ގާޒީ ފާހަގަކުރި އެވެ.

ތަހުގީގުގައި ދެން އޮތީ ކަސްޓަމްސް އޮފިސަރުންނާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ނެގުން ކަމަށް ވާއިރު، އޭގެން ވެސް މިކަމުގައި އަންހެން މީހާގެ ރުހުމާއި އެނގުން އޮތްކަމަށް ބެލޭނެ ހެއްކެއް ހޯދިދާނެ ކަމަށް ނުބެލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަންހެން މީހާގެ ޣައިރު ހާޒިރުގައި ބަލައިފާސްކުރި އެއްޗަކުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވާންޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވެސް ވިދާޅުވި އެވެ.

އޭނާ ބަންދުން ދޫކޮށްލީ ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ގަރީނާ ހޯދިފައި ނުވާތީ އާއި އެފަދަ ހެއްކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދާތީއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ފިރިހެންމީހާ އަދިވެސް ހުރީ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ލަގެޖްތަކަކީ އެއަަރޕޯޓްތަކުން ކަނޑައި ހަދާ އެއްޗިއްސެވެ. އަދި އެތަކެއްޗަކީ އެތައް ވަގުތެއް އަސްލުވެރި އެލަގެޖުގެ ސީދާ ވެރިމީހާއާއި ދުރުގައި އެހެން ބައެއްގެ ބެލުމުގެ ދަށުގައި އަދި އެހެންތަނެއްގައި ބެހެއްޓޭ އެއްޗެހި ކަމުން ލަގެޖް އަސްލު ފަސިންޖަރަށް ލިބޭ އިރު ކުރިން ނެން ކޮންމެ އެއްޗެއް އެއަށް އެހެން ބަޔަކު ލުމުގެ ފުރުސަތު އޮންނާނެތި ތިމީހާ އެތަކެއްޗާއި މެދު އިންކާރު ކުރާނަމަ އޭނާ ޖެހޭނީ ދޫކޮށްލަން.

  2. Anonymous

    ފިރިހެން މީހާވެސް ދޫކޮއްލަން ފެނޭ.

  3. ޢަމީން

    ދުއްމީހާ ގޯސްވާނީ