ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިނަމާލެ ބްރިޖް ޕްލެޓްފޯމް އެޅުމަށާއި ފުޑް އައުޓްލެޓް އޭރިއާއެއް އެޅުމަށް ސްޓްރާޑާ ކުންފުންޏަށް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލާގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފިއެވެ.

ޕީޖީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލާގައި އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެ ކަންކަން އިސްލާހު ކުރަން އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ. އެ ކަންކަން އިސްލާހުކޮށް އަލުން ފޮނުވުމުން، ދެން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މުއިއްޒުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށެވެ.

ފުރަތަމަ ދައުވާއަކީ ކޮރަޕްޝަންގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ނުލިބޭ ގޮތަށް ނުވަތަ އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެވެ.

މިހާރު މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒަކީ އޭރު ސަރުކާރުގެ ހައުސިން މިނިސްޓަރެވެ.

މީގެ އިތުރުން ހައިސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް ވެސް ވަނީ ފޮނުވާފައެވެ.

ނޫމަޑިއަށް ބަދަލުގެ ފައިސާ ބޮޑުކޮށް ލިބޭ ގޮތަށް އާބިޓްރޭޝަންގައި މައުލޫމާތު ދިން ކަމަށް ބުނެ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެއް އުފުލި އެމައްސަލައިގެ ޝަރީއަތް ވެސް ފަށައިގެން ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އޭސީސީން މުއިއްޒަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އޭނާ ވިދާޅުވަނީ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތަށް ގެއްލުންވާނެ ނުވަތަ ދައުލަތަށް ލިބޭ ފައިދާއަކަށް އުނިކަން އަންނަ އެއްވެސް ކަމެއް އަދި ޚިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާ ކަމަށެވެ.

އޭސީސީން މުއިއްޒާއި ހަބީބަށް ކުރާ ތުހުމަތުތައް

މި މަޝްރޫއު ހިންގި ގޮތުން އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން 2،464 އަކަފޫޓުގެ ބިމެއް ސްޓްރާޑާ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އޭގެ ސަބަބުން އެ ކުންފުންޏަށް އިތުރު ފައިދާ ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ ހުއްދައަކީ އޭރު އަމަލު ކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފު ކަމެއް ކަމާއި، އެ ކަމުގައި ހައުސިން މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާ ކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެއްބަސްވުމުގައިވާ ގޮތަށް ސްޓްރާޑާއިން ދައުލަތަށް ދައްކަން ޖެހޭ ކުލި ފައިސާ ނުދައްކާ ކަމާއި، އެ ކަމަށް ފިޔަވަޅު އަޅަން އެކަށޭނަ ވަގުތު ލިބި ވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ފިޔަވަޅެއް ނާޅައި ހިނގައިދިޔަ މުއްދަތުގެ ކުލީގެ ފައިސާ 1,976,548 ރުފިޔާއަށް އަރާފައިވާ ކަން އޭސީސީން ފާހަގަ ކުރެއެވެ.

ހައުސިން މިނިސްޓްރީން އެއްބަސްވުމަށް އެކި ފަހަރު މަތިން އެކި ބަދަލު ގެނެސްފައިވާ ކަމަށާއި އެއިން ކޮންމެ ބަދަލެއް ވެސް ގެނެސްފައި އޮތީ ސްޓްރާޑާ ކުންފުނީގެ މަސްލަހަތުގައި ކަން އެނގެން އޮތް ކަމަށް އޭސީސީން ބުނެއެވެ.

މި ގޮތަށް މުއްދަތު އިތުރުކޮށްފައި ވަނީ ވެސް މާލިއްޔަތު ގާނޫނާ ޚިލާފަށް ކަމާއި އެ ކަމުގައި ގާނޫނީ ލަފާ ހައުސިން މިނިސްޓްރީން ހޯދާފައި ނެތް ކަމަށް އޭސީސީން ބުނެއެވެ. އަދި ސަރުކާރަށް ދައްކަން ޖެހޭ އިތުރު ފައިސާ ވެސް ދައްކާފައި ނެތް ކަމަށް ބުނެއެވެ.

އެ ސަރަހައްދުގައި ހުރި ސްޓްރާޑާގެ ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި އެ ކުންފުނީގެ މި އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމުގެ ބަދަލުގައި ސްޓްރާޑާ ކުންފުންޏަށް އަދަލުވެރި ބަދަލެއް ދިނުމަށް ރައީސް އޮފީހުގެ ލަފައަކަށް އެދި ފޮނުވި ސިޓީއެއްގައި މުއިއްޒު ސޮއިކުރައްވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި ގޮތަށް ވެގެން ދިޔައިރު، އެ ކުންފުނިން ދައްކަން ޖެހޭ ކުލި ދައްކާފައި ނުވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

ހަބީބް ސޮއި ކުރައްވައި ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގައި ސްޓްރާޑާއަށް ބަދަލެއްގެ ގޮތުގައި 14,493,427.00 ރުފިޔާ ދޭން ރައީސް އޮފީހުގެ ލަފައަކަށް އެދިފައިވެއެވެ.

އެއީ ވެސް ސްޓްރާޑާއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 32,165,139.00 ރުފިޔާ ހޯދަން ހައުސިން މިނިސްޓްރީއާއި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައިވަނިކޮށް ކަމަށް އޭސީސީން ތުހުމަތު ކުރެއެވެ.