ރާއްޖޭގެ މަސްވެރިންގެ ކަންބޮޑުވުންތައް ހާމަކުރުމަށްޓަކައި އަންނަ ހަފްތާގެ ހުކުރު ދުވަހު މާލެ ސަރަހައްދުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މަސްވެރިންގެ ދުވަހު ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ކަންނެލި މަސްވެރިންނާއި މަސްވެރިކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވަނީ އެދިފައެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ކ.ގާފަރު ގައި ފާހަގަ ކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މަސްވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ މަސްވެރިންނަށް ހަމަ ހަގު ހޯދައި ދިނުމުގެ ވައުދު ނުފުއްދި ގިނަ ދުވަސް ވާތީ މަސްވެރިންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ނަމަވެސް ރައީސް ސޯލިހް ދާދި ފަހުން ވިދާޅުވެފައި ވަނީ މަސްވެރިންނަށް ސަރުކާރުން ވަރަށް އަވަހަށް ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށެވެ.