އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ހޯދަން ކޯޓަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުކުމާ ހަމަޔަށްދާ ގޮތަށް ގަވައިދު ކަނޑައަޅައިފިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދުތައް ވަނީ އާއްމުކޮށްފައެވެ. އެ ގަވައިދުގައި ބުނެފައިވާ ގޮތުން ބަދަލު ނަގައިދެވޭނީ ތިން ބާވަތްތަކުގެ އަނިޔާތަކަށެވެ.

އެއީ މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމަށާއި ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއްވުން އަދި ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުމެވެ. ގެއްލުން ލިބުނު ފަރާތް މަރުވެފައިވަނީ ލިބުނު އަނިޔާގެ ސަބަބުންކަން ސާބިތުކޮށްދެވިއްޖެނަމަ، އަނިޔާ ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން މަރުގެ ދިޔަ ނަގައިދެވޭނެއެވެ.

ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅޭނީ ބަންޑާރަނައިބަށެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ގޮތެއް ނިންމާތާ ތިން މަސްދުވަހުގެ ތެރޭގައި، އެ މައްސަލައަކާ ގުޅިގެން ދައުވާކުރުމަށް ކޯޓަށް ހުށަހަޅަން ޖެހެއެވެ. އެ އޮފީހުން ނިންމާ ނިންމުމުގެ މައްޗަށް ރިއާޔަތްކޮށް، ދައުލަތުގެ މުއައްސަސާގެ ފަރާތުން ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. އަނިޔާ ލިބޭ ފަރާތަށް ނަގައިދެވޭނީ ކޮން ބާވަތެއްގެ ކިހާ މިންވަރެއްގެ ބަދަލެއްކަން ކޯޓުން ކަނޑައެޅުމަށްފަހު، އެ ކަނޑައެޅުނު ބަދަލު ހަމަޖައްސައިދިނުމަށް ކޯޓުން ކަނޑައަޅާ މުއްދަތުގައި އެ ބަދަލު ހަމަނުޖެހިގެން އަނިޔާ ލިބުނު ފަރާތުން ކޯޓަށް އެކަން އަންގައިފިނަމަ، ކޯޓުން ނިންމައިފައިވާ ނިންމުން ތަންފީޛު ކުރަންވާނީ އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުންނެވެ.

އެ ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާނީ ކޯޓަށް ހުށަހެޅޭ އެހެންވެސް ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކާ އެއްގޮތަށެވެ. އަދި ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާއެއް ހިމެނޭނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާމެދު އެ މަރުހަލާގައި ގޮތެއް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.