ރަހީނުކޮށް ކުޑަ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ބަންދު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

އެ ކޯޓުގައި އިއްޔެ ކުރިއަށްދިޔަ އަޑުއެހުގައި އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓާފައިވާއިރު، އެ ކޯޓުން ވަނީ ހާލަތު ބަދަލުނުވާ ކަމަށް ކަނޑައަޅައި އޭނާ ބަންދުގެ ބަަހައްޓަން ކުރި އަމުރު ދަމަހައްޓާފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތުވެސް ޖުވެނަލް ކޯޓުން ދަމަހައްޓާފައިވެއެވެ. ނަމަވެސް މިވަގުތު އެ ކުއްޖާ ހުރީ ގޭބަންދުގައެވެ.

ޒިހާންގެ މައްޗަށް މަރުގެ ދައުވާއެއް ހިމެނޭ ގޮތަށް 13 ދައުވާއެއް ވަނީ ކޮށްފައެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ.

ޒިހާންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރި ކަމަށް ތުހުމަތު ކުރަނީ ހަތަރު ކަމަކަށެވެ. އެއީ ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.