އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރްގެ މަރާލަން އޭނާގެ ގާތިލު ޝާ އަލޮމް މިއާ (ސާލިމް) 29، ފަސް ގަޑިއިރެއްހާއިރު ހޭދަކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން ހާމަވެއްޖެއެވެ.

ރަށުގެ އެކި ކަންކަމުގައި އެހީތެރިވަމުން އަންނަ މަހްމޫދު ފުރަތަމަ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 10:20 ހާއިރުއެވެ.

ދަނގެތި ފުލުހުންނާއި ކައުންސިލުންނާއި ރައްޔިތުން ކުރި މަސައްކަތުން މަހްމޫދު 57، ފެނިފައި ވަނީ އެ ދުވަހު ހަވީރު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރޭގައި މަރާލާފައި އޮއްވައެވެ. އެ މައްސަލާގައި ސާލިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ވަޅު: ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

"ގިނަ އަނިޔާތަކެއް ދިނުމަށް ފަހު މަރާލީ" މަހުމޫދުގެ މަރާއި ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް ހާމަކުރައްވަމުން ފުލުހުންގެ މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ހަސަން ޝިފާއު ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވިގޮތުންނަމަ ސާލިމް ގުޅައިގެން މަހުމޫދު، އޭނާ އުޅޭ ނެދުންގެއަށް ގޮސްފައިވަނީ 13 ވަނަ ދުވަހުގެރޭ 9:15 ހާއިރުއެވެ. މަހުމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަޅަށް އެއްލާލާފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ.

"ނެދުންގޭގައި ފަސް ގަޑިއިރު ހޭދަވި. ބައިވަރު ހަމަލާތަކެއް ދީފައި އެބަހުރި. އަދި އެކަން ކުރަން ވަގުތުވެސް ލިބުނު" ޝިފާއު ވިދާޅުވިއެވެ.

ސާލިމް، މަހުމޫދަށް ގުޅައިގެން ގެންދިޔަ ސީދާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"އެންމެ ހަމަލާއެއް ނޫން، މަރުވަންދެން ހަމަލާދިން"

ފުލުހުން ގަބޫލުކުރާ ގޮތުގައި ސާލިމް، މަހުމޫދު މަރާލާފައިވަނީ އެންމެ ހަމަލާއަކުން ނޫނެވެ. ނެދުންގޭގެ ތެރެއަށް މަހުމޫދު ވަތް ހިސާބުން ފެށިގެން ސާލިމް ދިޔައީ ހަމަލާދެމުންނެވެ. މަހުމޫދުގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަންތަނަށް ތޫނުއެއްޗެހި ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ. އަނިޔާދެމުން ގޮސް މަރުނުވާހެން ހީވީމަވެސް އަނިޔާކުރިކަން ފުލުހުންގެ ތަހުގީގުން ވަނީ ހޯދާފައެވެ.

މަހްމޫދް މަރާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ފުރަތަމަ ދިން ހަމަލާއަކީ ކުއްލިއަކަށް ދިން ހަމަލާއެއް" ކްރައިމް ޑިޕާޓްމެންޓުގެ ހެޑް ހަސަން ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުންނަމަ ސާލިމް ދިން ހަމަލާއިން ސަލާމަތްވާން ނުވަތަ ޑިފެންސްކުރަން މަހުމޫދަށް މާ ގިނަ ވަގުތުތަކެއް ނުލިބެއެވެ.

އެކަމަށް ފުލުހުން ބާރުދެނީ ސާލިމްގެ ހަށިގަނޑުން އެއްވެސް ކަހަލަ "ޑިފެންސް ވޫންޑެއް" ފެންނަން ނެތުމުންނެވެ. "ޑިފެންސިވް ވޫންޑޭ މި ކިޔާ ކަހަލަ އިންޖަރީއެއް ނެތް ފާހަގަކުރެވިފައި" ވިދާޅުވިއެވެ. މަހުމޫދަށް ހަމަލާދޭން ސާލިމް ބޭނުންކުރި ތޫނު ހަތިޔާރުތަކެއް ފުލުހުން ވަނީ އެގެއިން ހޯދާފައެވެ.

އެކަމަކު ހަމަލާ ދޭން ބޭނުންކުރީ އޭގެ ތެރެއިން ސީދާ ކޮން ހަތިޔާރަކުން ކަމެއް ހާމައެއް ނުކުރެއެވެ. މަހުމޫދަށް ހަމާލާދިނުމުގައި ސާލިމްގެ އިތުރުން އެހެން މީހަކުގެ ބައިވެރިވުން އޮވެދާނެ ކަމަށް ދަނގެތީގެ ގިނަ ރައްޔިތުންގެ ދެކުނަސް އެކަމުގައި އިތުރު އެއްވެސް މީހަކު ބައިވެރިވުމެއް އޮތްކަން ތަހުގީގަށް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ތަހުގީގުން ވަރަށް ބޮޑަށް ބަރޯސާވޭ މިއީ އެންމެ މީހަކުވެގެން ދިން ހަމަލާއެއް ކަމަށް" ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫރު

    މިއަނިޔާވެރިޔާ ދަންޖައްސާ. ބޭރު މީހުން ދިވެހިން މަރަނީ ކީއްވެ. އަހަރަމެންގެ ވަތަނުގަ ރައްކާތެރިކަން ނެތީތޯ.

    18
    1
    • ނަވްބެ

      އިސްލާމީ ޝަރީއަތަކީ ޓެރަރިޒަމް ކަމަށް ނުވަތަ ހަރުކަށި ފިކުރުކަމަށް ދައުވާ ކުރާ ހާލު ތިޔަކަން ނުވާނެ. އިންސާނުން މިހާރު އުޅެނީ ޑިމޮކްރަސީ މުއްސަނދި ކުރުމުގައި އަވަދިނެތި.

      11
      1
  2. ސިފާއޫ

    ޑިފެންސިވް ވުންޑް އަންމުކޮއް ހުރެއެއްނުންތޯ ވިކްޓިމްގެ އަތްތިލައިގަ އަދި ސާލިމްގެ ނިޔަފަތި ދަށުން މަހުމޫދްގެ ޑީއެންއޭ ނުފެނޭތޯ؟

    7
    1
  3. ނދކދހެޖެޖޖދ

    އަސްލު މަހުމޫދަށް ފުރަތަމަ ދިން އަނިޔާ އިން މަރުނުވާ ނަމަ އެގޭގަ އޮތް ބޭބެ އަށް ނީވޭ ބާ ހަޅޭއް ލަވާ އަޑުވެސް؟