މިއަހަރު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށްހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުން ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ އިއުލާން ގަ ވާގޮތުން ރިޔާސީ އިންތިހާބުގެ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޖުމްލަ 25 މީހަކު ހޯދުމަށްވަނީ އިއުލާންކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގަ އޮބުޒާވަރުން ގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިކަން ހުރި ބޭފުޅުން ޖުލައި 18 ގެ ކުރިން ފޯމު ހުށައެޅުމަށް އެކޮމިޝަނުން އެދެއެވެ.

އިންތިޚާބު އޮބްޒާވް ކުރުމުގައި ޙަރަކާތްތެރިވާން ޝައުގުވެރިކަން ހުރި ބޭފުޅުންގެ ޝަރުތެއް ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ ޖީސީއީ އޭ ލެވެލް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުމާއި ، ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ފުރިފައި ނުވުމާއި ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި އަދި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތެއް ކަމުގައި ނުވުމެވެ.

މީގެ އިތުރުން، ރިޔާސީ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި، އަތޮޅު ތެރެއަށް ދަތުރުފަތުރު ކުރެވޭނެ ފަރާތަކަށް ވުމާއި، މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ ފަރާތެއް ކަމުގައިވުން ހިމެނޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި އޮބުޒާވަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ރަށްރަށަށް ދިޔުމުގެ ދަތުރު ހަރަދާއި ކެއުމުގެ ހަރަދުވެސްއެ ކޮމިޝަނުން ދޭނެކަމަށެވެ. އަދި އިންތިހާބު ނިމުމުން އޮބްޒާވަރުންގެ މަސައްކަތް ބަލައިގަތުމަށް ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި މީހުންހޯދުމަށް މީޑިޔާތަކުންވެސް އިއުލާން ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.