ހދ. ކުޅުދުއްްފުށި ސިޓީގައި ގަރާޖެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ސިޓީގެ މަގާންމަގުގައި ހުންނަ މެސްކޮޓް ގަރާޖުގައެވެ. އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ 2:48 ހާއިރުއެވެ. އެތަނުން އަލިފާން ނިއްވާލެވުނީ ގަޑިއެއްހާ އިރު ފަހުންނެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން އެ ގަރާޖްގައި ވަރަށް ބޮޑަށް ރޯވެފައި ހުރި މަންޒަރު ފެނިފައި ވެއެވެ. އަދި އެ ގަރާޖްގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ސިފައިން މަސައްކަތް ކުރާ މަންޒަރު ފެނިގެން ދެއެވެ.

އެ ގަރާޖްގައި ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

އެހެން ނަމަވެސް މި ހާދިސާގައި އެ ގަރާޖަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އެގޮތުން އެ ގަރާޖްގައި ވެހިކަލް ދޮންނަން ބޭނުން ކުރާ ބައި ބޭނުން ކުރެވޭ ވަރަށް ވަނީ އަނދާފައެވެ.