މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 10 މިލިއަނަށް އަރައިފި ކަމަށާއި، 2019 ވަނަ އަހަރުގެ ރިކޯޑު މުގުރާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އިންސައްތަ ވަރަށް ބޮޑުތަނުން ދަށްވެ އަނެއްކާ ވެސް މި އަދަދު ވަނީ ރަނގަޅުވާން ފަށާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 4،831 ގައެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވިޓެއްގައި ވަނީ މިއަރު ތެރޭގައި ފަތުރުވެރިން ރާއްޖޭގައި ހޭދަ ކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް 10 މިލިއަނަށް އެރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަހުނިޔާ ކިޔާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރު މި އަދަދު 10 މިލިއަނަށް އަރާފައިވާއިރު، 2019ގެ މި އަދަދަކީ 10.7 މިލިއަން ކަމަށެވެ. އެހެން ކަމުން މިރޭޓުން ދަނަމަ މިއަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރެއަށް 10.7ގެ ރިކޯޑު މުގުރާލެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކޮށްފައިވަނީ އެއް މިލިއަން ފަތުރުވެރިންނެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ލަފާކުރި ވަރަށްވުރެ އަވަހަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ލިބުމުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އަދަދު 1.5 މިލިއަނަށް އިތުރު ކޮށްފައެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އޮކްޓޯބަރު މަހުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމަހާއި ހަމައަށް ރާއްޖެއަށް 1.15 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.