ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބެއް ނެތް ކަމަށާއި މިސްރާބަށް ދުއްވަން ވެސް މިސަރުކާރަށް ނޭނގޭ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އިން މިރޭ ބާއްވަމުން ގެންދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ފެންނަނީ "ހާކާލަހާކާލަ ތިބޭތަން." ކަމަށެވެ.

"މިއަދު މިފެންނަނީ ހާކާލަހާކާލާ ތިބޭތަން. ބައެއް ޒުވާން ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނެ މިދެންނެވި އެއްޗެއް. އަޅުގަނޑުމެން ކުޑައިރު ހުންނާނެ އޮޑިހަނު ކިޔާ އެއްޗެއް. އެގޮތައް ދަމާލަ ދަމާލައި ތިބޭތަން މިފެންނަނީ. މިއަދު މިފެންނަނީ ކަންނެއްކަމާއި ފަރުވާ ކުޑަކަން. ކަންކަމުގައި ވަރިހަމަވުމާއި އަޅާލުމެއް ނެތުން. ވެރިކަމާއި ހަވާލުވާން ވާނީ ވެރިކަން ކުރެވޭ ވަރު މީހުން. ވެރިކަމާއި ހަވާލުވާން ވާނީ ތަސައްވުރެއް އޮވެގެން. މީގެ 30 އަހަރު ފަހުން ގައުމު އޮންނަންވީ ގޮތުގެ ތަސައްވަރެއް އޮންނަން ވާނެ. ނަމަވެސް މިވީ ދެއަހަރަށްވުރެ ގިނަ ދުވަސްތެރޭގައި ގައުމުގެ މުސްތަގުބަލާއި ގުޅޭ ގޮތުން ވާހަކަދައްކާ ބޭފުޅަކު ނުފެނޭ." ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މިއަދު އޮތީ ހުސް ސުވާލު ކަމަށެވެ. "މިއަދު މަސްވެރިން ކުރާ ސުވާލަކީ މަސްވެރިކަން ކުރިއަރުވަން ހުރި މިންވަރަށް ކުރިއަރުވައި ނިމުނީ ހެއްޔެވެ؟ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ޒުވާނުން ކުރާ ސުވާލަކީ ހައެއްކަ ދިވެހި މަހުޖަނުންނާއި ބޭރުގެ ބިލިއަނަރުން ފަތުރުވެރިކަން ދީގެން ތިބެންވީތޯ؟" ރައީސް ވަހީދު ސުވާލު ކުރެއްވެވިއެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތު އިންޑިއާ އަށް ބަރޯސާ ވަމުން ދާތީ ރައީސް ވަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަހީނުވާތަން ފެނުމަކީ ހިތާމަވެރިކަމެއް" ކަމަށް ވިދާޅުވެ ރައީސް ވަހީދު ވިދާޅުވީ 21 ވަނަ ގަރުނުގައި ހާރިޖީ ސިޔާސަތު ހިންގަން ޖެހޭނީ އދ.އާއި ކޮމަންވެލްތު ފަދަ ޖަމާއަތްތައް މެދުވެރިކޮށް އެޖަމިއްޔާތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ. "އެއްވެސް ގައުމެއްގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުމަކީ މިހާރު ބަލައި ގަނެވޭނެ ކަމެއް ނޫން." ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވުމުން އެކަން ފާހަގަ ކުރައްވާ ރައީސް ވަހީދު ވިދާޅުވީ އަނިޔާވެރި ސަރުކާރެއްގެ އަނިޔާވެރިކަމުގައި ދެއަހަރު ދުވަސް ހޭދަކުރުމަށް ފަހު ނިކުމެވަޑައިގެންނެވުން ރައީސް ޔާމީންގެ ހިތްވަރަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރ..ޑރ.ވަހީދު ހަސަން ވިދާލުވޒި %100 ތެދުފުޅެއް، އަހަރުމެން މިގައުމުގެ ނިކަމެތި ރައްޔިތުން މިތިބީ މިސްރާބު ގެއްލިފައިވާ އޮޑިއެއްގައި ވާނުވާނެއެނގި ދަތި ހާލުގައިޖެހިފައި، ހާކައިގެން އޮޑިހަނު ގާނައިގެން ކުރިޔަށްދާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫން، ވިދާލިވިދުވަރެއްފަދަ އަވަސް ސްޕީޑުގައި ގައުމު ކުރިއަށްދިޔަ މަންޒަރުފެނިފައިވާތީ އަބަދުވެސް އެދިގޮވަނީ އެފަދަ މިސްރާބަކަށް އޮޑިއާއިގެން ދަތުރުކުރެވޭނެ ގާބިލު ހިކުމަތްތެރި ކައްޕިއަކާއި އޮޑި ހަވާލުކުރުމަށެވެ.

    8
    1