ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ސުޕްރީމް ކޯޓުން ލިބުނު ކާމިޔާބަކީ އެމަނިކުފާނުގެ ހިތްވަރާއި ވި ގުރުބާނީން ލިބިވަޑައިގަތް ކާމިޔާބެއް ކަމަށާއި އެކަމުގެ އަގު ދޭނީ ދެން ރާއްޖޭގައި ދެން އޮންނަ ރިޔާސީ އިންތިހާބެއް އެމަނިކުފާނަށް ކާމިޔާބު ކޮށްދީގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމްކޮށްފައި ވަނީ 28 ނޮވެމްބަރު 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާއެކު ޔާމީން ވަނީ މިނިވަންވެފައެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެންނެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމް، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކޯޓުގައި މައްސަލަ ބެލިއެވެ. ޔާމީން މިނިވަން ކުރަން ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލުގައި އޮންނެވުމަކީ ދިވެހި ރައްޔިތުން ވެސް ޖަލުގައި ތިބުން ކަހަލަ ކަމެއް ކަމަށާއި ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު، އެބޭފުޅުންނަށް އެތައް ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހުނު ކަމަށެވެ.

ގޮންޖެހުންތައް ގިނަވި ނަމަވެސް، ރައީސް ޔާމީންގެ އިރުޝާދާ އެކީ ތަންފުކެއް ވެސް ފަހަތަށް ނުޖެހި އެމަނިކުފާނުގެ އަމާނާތް ގެނެސްދެވުނު ކަމަށާއި ރައީސް ޔާމީންގެ ކާމިޔާބަކީ އެމަނިކުފާނުގެ ގުރުބާނީގެ ނަތީޖާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވެވަޑައިގެންފައިވާ ގުރުބާނީގެ އަގު ރައްޔިތުން ދޭނީ ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީން އިންތިހާބު ކޮށްދެއްވައިގެން ކަމަށާއި ރައީސް ޔާމީނަށް ވެރިކަން ލިބިގެން ދިއުމަކީ އެއީ ދިވެހި ގައުމަށް މިނިވަންކަން ލިބިގެން ދިއުން ކަމަށެވެ.

"މަނިކުފާނު މި ގައުމަށްޓަކައި ތިވެވަޑައިގެންނެވި ވަރަށް މަތިވެރި ގުރުބާނީއެއް. ތި ގުރުބާނީގެ އަގަކީ އަޅުގަނޑުމެންނަށް އަދާ ކުރެވޭނެ އެއްޗެއް ނޫން. އަޅުގަނޑުމެން ދިވެހި ރައްޔިތުން ތި ގުރުބާނީގެ އަގު އަދާ ކުރާނީ އެންމެ އަވަހަށް މި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި" އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އަދުރޭ އަކީ ސިޔާސީ ބުރަދަނެއް ހުރި މީހެެްއްނޫން.އަދުރޭ އަކަށް ތިޔަކަމެއް ނުވާނެ.ސިޔާސީ ބުރަދަން ހުރިމީހުންޕާޓީއަށް ޖޮއިން ނުކޮށް ތިޔަކަމެއް ނުވާނެ.

    6
    4