ދިވެހި ރައްޔިތުންގެ އިތުބާރު ކިތަންމެ ބޮޑަކަށް އޮތް ނަމަވެސް ރާއްޖޭގައި ހުރިހާ މައްސަލަތައް އެކަނި ހުންނަވައިގެން ހައްލު ކުރެވެން ނެތް ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދެ އަހަރު ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު ޔާމީން މިނިވަންވި ކަމުގެ މުނާސަބުގައި ކުރިއަށްދާ ބޮޑު ޖަލްސާގައި ޔާމީން ވިދާޅުވީ، އެ ޖަލްސާއިން ވެސް ފެނިގެން ދާނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ކަމަށެވެ.
"އަޅުގަނޑު ހިތަށް އެރީ ހާދަ ބޮޑު ޒިންމާއެއް އުފުލަން އަޅުގަނޑުގެ ފަރާތުން މި އެދެނީ، އަޅުގަނޑަށް ހާދަ ބޮޑު އިތުބާރެކޭ ރައްޔިތުންނަށް ތި ކުރަނީ، އަޅުގަނޑު ހަމަ ހީބިހި ނަގައިގެންދޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ އެތައް ސަތޭކަ ސަޕޯޓަރުން އެއްވެ އެމަނިކުފާނަށް ތަރުހީބު ދެމުން ދިޔަ އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެންމެ މީހަކަށް ނޫނީ ރައީސަށް އެކަނި ހައްލު ވާން އޮތް ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ މައްސަލައެއް އެއީ އެންމެ މީހަކަށް ހައްލު ކުރެވޭހާ ވަރުގެ ކަމެއް ނޫން، އަޅުގަނޑަކީ ހަކީމެއް ނޫން، އަޅުގަނޑަކީ ހުރިހާ މައްސަލައެއްގެ ފަރުވާއެއް ދެވޭ ބޭސްގުޅައެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުން އެމަނިކުފާނަށް ކުރިމަތިކުރުވަން ބޭނުންވާ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ކަން ކުރާނެ ދިވެހި ގާބިލް ޒުވާނުން ތިބި ކަމަށާއި އެ ޒުވާނުންގެ އެހީގައި އެ ކަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމުގެ ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މުއައްސަސާތަކުން ފެއިލްވާ ހާލަތުގައި އޭގެ ޒިންމާ ވެސް ރައީސްގެ ބޮލުގައި އަޅުވާ ކަމަށެވެ. އެކަމަކު އެއީ ވެސް ރައީސްގެ ޒިންމާއެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވައެވެ.
"ހަމަ ކިޔަވައިގެން ތިއްބެވި އިސް ބޭފުޅުން، ފަނޑިޔާރުން ވެސް، އެ ވިދާޅުވަނީ ރައީސް ލޯ މަރާލީއޭ، އެކަމަކު މުއައްސަސާތަކުން ޒިންމާ ނުނެގީމަ ރައީސްއަށް ބާރެއް ނުފޯރުވޭނެއޭ،" ސުޕްރީމް ކޯޓުގެ ހުކުމުގެ ބަޔަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި ޔާމީންގެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ބެއްލެވި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެފައިވަނީ އެ ފައިސާއާ މެދު ސުވާލުތަކެއް އުފެދިފައިވަނިކޮށް އެ ފައިސާ އިންވެސްޓް ކުރުމަކީ ރައީސްއަކު ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ޔާމީންގެ އިސްތަށިފުޅުގައި "ވަގެއް"ގެ ލޭބަލް އެޅުވުމުން އެކަމާ އެމަނިކުފާނުގެ މައްސަލަ ނުބަލައި އެހެން ހުކުމް ކޮށްގެން ނުވާނެ ކަމަށެވެ. ނޫސްވެރިންނާއި ބައެއް ދީނީ އިލްމުވެރިން ވެސް އެ ގޮތަށް ހުކުމް ކަނޑައެޅުމުން ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޔާމީނ ތިޔަވިދަޅުވީ ތެދުފުލެއް. އެކަނި ތިޔަ ކަންކަން ހައްލު ނުކުރެވޭނެ. ހުރިހާކަމެއް ފުރިހަމަކޮށްދޭން ޔާމީނުގެ އަނބި ފާތުމަ ހުންނާނެދޯ. ޔާމީނު ވެރިކަމުން ދުރުކުރީ އަދީބު އާ ފާތުމަ ގުޅިގެން ޕާޓީ ފުނޑާލައިގެން ނޫންކަމަކަށް ނުހެދޭނެ. ޔާމީނު އެކަނި ހައްލެއް ނުހޯދޭނެ ޔާމީނު އެކަނި ވެރިކަމަކަށް ނާދެވޭނެ . ޕީޕީއެމް ރޫޅާލައިގެން އެމްޑީޕީ އަށް މަޖިލީހުގެ 65 ގޮނޑި ހޯދާދިނުމުގެ ސަރަފް ޔާމީނަށް އޮތީ ލިބިފަ. މިހާރު މިއޮތް ގޮތަށް އޮތްހާހިނަދަކު ޕީޕީއެމްއަކަށް ވެރިކަމަށް ނާދެވޭނެ. އެމްޑިޕީން ބަރުލަމާނީ ހަދަން އުޅެނީ ގައުމަށް މަންފާ އޮވެގެނެއްނޫން. އެމީހުން ބަރުލަމަނީ ގެންނަން އުޅެނީ ޕިޕިއެމް ފަޅިފަޅިވެ ކުދިޕާޓީއަށް ބެހިފަ ވާތީ މަޖިލީހުން ގިނަގޮނޑިހޯދައިގެން ވެރިކަމުގަ ދާއިމީކޮށް ތިބުމަށް ރާވައިގެން.