ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތީ ރިޔާސީ އިންތިޚާބު ދޫކޮށްލުމުގެ އިޚްތިޔާރު އެކަނި ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއެކު، މިހާރު އެންމެ ދެކެވޭ ވާހަކައަކަށް ވެފައި މި އޮތީ ދެން ރިޔާސީ އިންތިޚާބުގެ ވާދައަށް ސިޔާސީ ކުޅިބައި އެތުރޭނެ ގޮތަކާ މެދުގައެވެ.

އާދަމް ޝަރީފް "ވަގުތު" އަށް ވިދާޅުވީ އެމްޑީޕީގެ އެތެރެ އޮތީ ބައިބައިވެފައި ކަމަށެވެ. އެހެން މެދުވެރިވީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެއިލާއަކުން ކަމަށް އޭނާ ވިދާޅުވެއެވެ. ސިޔާސީ މަސްރަހު ކޮންމެ ހާލަތަކަށް އޮތަސް ރައީސް ސޯލިހަށް ދެން ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ރައީސް ސޯލިހްއަށް މި އޮތް ޗޮއިސްއަކީ ސިޔާސީ މައިދާން ދޫކޮށްލުން، ނޫނީ އެމްޑީޕީގެ ކޮންޓްރޯލް ރައީސް [މުހައްމަދު] ނަޝީދުއަށް ދޫކޮށްލާފައި، ރައީސް ނަޝީދުއާއެކު ރިޔާސީ އިންތިޚާބަށް ނުކުތުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ދެ އިޚްތިޔާރުގައި ވެސް އޮތީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވައި އެ ކަން ރައީސް ސޯލިހް ދޫކޮށްލުން ކަން އާދަމް ޝަރީފް ފާހަގަ ކުރައްވައެވެ.

ރައީސް ސޯލިހްގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ރައްޔިތުން މިހާރު ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންވެ އަންނަ ރިޔާސީ އިންތިޚާބުގައި ފުރުސަތު އޮތީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމަކީ އެއްވެސް އަސާސެއް ނެތް އިލްޒާމެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔާމީނަށް އިތުރަށް ދަތިތައް ކުރިމަތި ކުރަން ސަރުކާރުން ބޭނުންވިޔަސް އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ވިދާޅުވިއެވެ.