ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެެވެ. މިއީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ދެ ވަނަ މީހާއެވެ.

މިއަދު ހެނދުނު އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވިދާޅުވީ، ކޮވިޑްގައި މިއަދު ހެނދުނު ފަހުން ނިޔާވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ ހެނދުނު 8:28 ހާއިރު ހއ. ތުރާކުނުގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 253 އަށް އަރާފައެވެ.

މިއީ މި މަހު ކޮވިޑްގައި ނިޔާވި ތިން ވަނަ މީހާއެވެ. މީގެ ކުރިން މި މަހުގެ އެއް ވަނަ ދުވަހުވެސް ކޮވިޑްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިހާރު ރާއްޖެއިން ގިނައިން ކޮވިޑަށް ފައްސިވަމުންދަނީ އަތޮޅު ތެރެއިންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭން މިހާތަނަށް 91،993 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 90،003 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 1،726 މީހަކު ތިބިއިރު، އޭގެ ތެރެއިން 17 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު