ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން، ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ދެވަނަ ދައުރުގެ އަށްވަނަ ޖަލްސާ މިއަދު ހެނދުނު 9:00 ގައި ފެށި ނަމަވެސް ކޯރަމް ހަމަވޭތޯ ބެލުމަށްފަހު ކޯރަމް ހަމަނުވެގެން މިހާރު ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 11:30 ގައެވެ.

ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިން ސައްތައެވެ. އެއީ 22 މެމްބަރުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު މަޖިލީހަށް ހާޒިވެ ވަޑައިގެން ތިއްބެވީ ޕީޕީއެމް އާއި އެމްޑީއޭގެ ބައެއް މެންބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.

މިއަދުގެ ޖަލްސާއަށް އިތުރު ކަމަކަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސް ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން މިކުރަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.

ކޯރަމް ހަމަނުވާ މައްސަލަ މި ދިމާވަނީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަށް ބޮއިކޯޓް ކުރާތީއެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމެއްނެތި ޖަލްސާތައް މަޖީލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުމާމަ

    އަދިވެސް ރައްޔިތުން ފެލައިގެން އަމިއްލަޔަށް ބޮޑުމުސާރަ ނަގަންވީ

  2. ހުސޭނުބޭ

    މަ އަޑުއަހާލަން ބޭނުންވަނީ މި މަހުގެ މުސާރަނެގުން ލަސްވެގެން ފައިނޭނންސް މިނިސްޓްރީން މެމްބަރުންނަށް އާދޭސްކުރަމުން ފަހަތުން ހިނގާ ވާޙަކަ..... މިހެން ވާނެނަމަ ދޯ!