މީހުންގެ މުދަލުގައި އަލިފާން ޖަހާ ރޯކޮށް އަނިޔާވެރި އަމަލު ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިފަދައިން ބުނެފައިވަނީ އެއިދާރާގެ ލީގަލް އޮފިސަރު އަލްއުސްތާޛް ޢަބްދުﷲ އިޙުސާންގެ ކާރުގައި ރޭގެ ފަތިހުގެ ވަގުތެއްގައި ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލައި, ކާރަށް ގެއްލުންދިން މައްސަލާގައި އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ކައުންސިލުން ބުނެފައިވަނީ މީސްމީހުންގެ މުދަލަށް ނުހައްގުން އަރައިގަނެ އަނިޔާ ދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުން، ރާއްޖޭގެ ގާނޫނުތަކުގައި ވެސް ވަނީ ވަރަށް ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައި ކަމަށެވެ.

"މީހުންގެ މުދަލުގައި އަލިފާންޖަހާ ރޯކޮށް އަނިޔާވެރި އަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫނެވެ" އެ ބަޔާނުގައި ވެ އެވެ.

ކައުންސިލުން ވަނީ މިއަމަލު ހިންގި ބަޔަކު ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައެވެ.

އިހުސާންގެ ކާރު ގައި ރޭ ފަތިހު ވަގުތެއްގައި ރޯކޮށްލާފައިވަނީ ކާރު ގޭގައި ޕާކު ކޮށްފައިވަނިކޮށް ކާރު ތެރެއަށް ޕެޓްރޯލް އަޅައިގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ރަހާ / ފޭދޫ

    "މީހުންގެ މުދަލުގައި އަލިފާންޖަހާ ރޯކޮށް އަނިޔާވެރި އަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫނެވެ.
    އެ ބަޔާނުގައި ކައުންސިލުން ބުނެފައިވަނީ މީސްމީހުންގެ މުދަލަށް ނުހައްގުން އަރައިގަނެ އަނިޔާ ދިނުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުން، ރާއްޖޭގެ ގާނޫނުތަކުގައި ވެސް ވަނީ ވަރަށް ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައި ކަމަށެވެ.😁އެހެންނަމަވެސް އެމްޑީޕީގެ ގާނޫނަކުނޯވޭ ތިވާހަކައެތް. މެހެން މިބެޏީ ލޮލެކުރިމަތިން ފެނިފެއިހިޟި ކަންތެތި އަދަވީކަމައްހެން ހަނދާންހިއްނެ ހެދީ........ވ....ސ.