މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން މަނީ ލޯންޑަރިންގެ ދައުވާ އުފުލި ފުރަތަމަ މައްސަލާގައި، ފުލުހުންގެ ތަހުގީގު ތެރެއިން ހޯދި 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން އެދިއްޖެއެވެ.

މިފަދަ ބާވަތެއްގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލީ ގދ. ތިނަދޫ ރަންގަލް ހަސަން ލޫތުއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދުއާއި، ތ. ތިމަރަފުށި ވައިޓްރޯސް އިސްމާއީލް ޝަރީފް އަދި މއ. ހަސްލަތު ޝާނިޔާ އިބްރާހީމަށެވެ.

މާލޭގެ ގެތަކެއް ފާސްކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު އަތުލައިގަތް މި ހަތަރު މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާތަކަކާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާތަކެއް ވެސް އުފުލާފައިވެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފުރަތަމަ އޮތީ ދައުވާ އުފުލު މީހުންގެ ތެރެއިން އިސްމާއީލް ޝަރީފްގެ މައްޗަށް ކުރާ ދައުވާތައް އިއްވުމެވެ.

އިސްމާއީލް ޝަރީފްގެ ދައުވާ އިއްވަވަމުން ދައުލަތުން ވިދާޅުވި ގޮތުގައި، ޖުމުލަ 1،542،675 ރުފިޔާ ފުލުހުންގެ އޮޕަރޭޝަނުން ހޯދާފައިވެއެވެ.

އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހޯދި މަސްތުވާތަކެތީގެ އަދަދާއި ފައިސާ ވެސް ދައުލަތުން ވިދާޅުވިއެވެ. އެ ވަގުތު އޭނާގެ އަތުގައި 1،775 ރުފިޔާ އޮތް އިރު، ލައިގެން ހުރި ޖިންސުގެ ޖީބެއްގައި އޮތް ވެލޮޓްގައި 1،000 ރުފިޔާ އޮތެވެ. ގެއިން ފެނުނު ހޭންޑް ބޭގެއްގައި 66،000 ރުފިޔާ އަދި އިތުރު 7،800 ރުފިޔާ ވެސް ގެއިން ފެނުނެވެ.

ދައުލަތުގެ ވަކީލު ވަނީ މި ފައިސާތައް ދައުލަތަށް ނަގައިދިނުމަށް އެދިވަޑައިގެންފައެވެ. އާންމު އުސޫލުން، މަނީ ލޯންޑަ ކުރެވޭ ފައިސާ އަދި އެއިން ހޯދާ މުދާ ދައުލަތަށް ނަގަން އެފަދަ މައްސަލަތަކުގައި ދައުލަތުން އެދިވަޑައިގަންނަވައެވެ.

ދައުވާއަށް ޖަވާބުދާރީވާން އިސްމާއީލް ޝަރީފަށް ދިން ފުރުސަތުގައި އޭނާ މަސްތުވާތަކެތި ގަނެގެން ބޭނުން ކުރާ ކަމަށް އެއްބަސްވިއެވެ. އެކަމަކު އެތެރެކޮށް ވިއްކާ ކަމަށް އިންކާރު ކުރިއެވެ. އެހެންވެ ޓްރެފިކިންގެ ދައުވާއަށް ފުރަތަމަ އިންކާރު ކުރިއެވެ.

އެހެންވިޔަސް އޭނާގެ ގާނޫނީ ވަކީލު ވަނީ މަސްތުވާތަކެތީގެ ގާނޫނަށް ރިއާޔަތްކޮށް، ޑައިމޯފިންގެ ދެ ގްރާމް އަދި ކެނަބިސްގެ 10 ގްރާމް ބޭނުން ކުރާނަމަ ޓްރެފިކިންގެ ދައުވާ އުފުލެއެވެ. އިސްމާއީލް ޝަރީފް އެއްބަސްވީ އެ އަދަދަށް ބޭނުން ކުރި ކަމުގައެވެ.

އެހެންވެ އިސްމާއީލް ޝަރީފްގެ ގާނޫނީ ވަކީލާއި އޭނާއާ އިތުރަށް މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެ ބައި މިއަދުގެ އަޑުއެހުމުގައި ކުރިއަށް ނުގެންދަވަން މައްސަލަ ބައްލަވާ ގާޒީ އާދަމް އަލީ ނިންމެވިއެވެ.

ދެން ތިބި މީހުންގެ ސިއްޚީ ބައެއް މައްސަލަތައް ފާހަގަ ކުރިއިރު އަދި ދައުވާއާ ގުޅޭ ބައެއް ލިޔެކިއުންތައް ވެސް ލިބިފައި ނެތް ކަން ދިފާއުން ފާހަގަ ކުރުމުން ގާޒީ ނިންމެވީ މި މަހުގެ 26 ވަނަ ދުވަހު ދައުވާއަށް ޖަވާބުދާރީވާން އަޑުއެހުމެއް ބޭއްވުމަށެވެ.

އެ ތާރީޚަކީ ކްރިމިނަލް ކޯޓު ރެސެސްގައި އޮންނަ މުއްދަތުގެ ތެރޭގައި ހިމެނޭ ތާރީޚެކެވެ. އެހެންވިޔަސް މައްސަލައިގެ ބާވަތުން، މައްސަލަ އަވަސް ކުރުމުގެ ގޮތުން ދައުވާއަށް ޖަވާބުދާރީވާން އެ ތާރީޚުގައި އަޑުއެހުމެއް ބާއްވަނީ ކަމުގައި ގާޒީ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ތިޔަ މީހުން ސަލާމަތް ކުރަން އުޅޭ މީހުންގެ ފޯން ކޯލް ތައް ފުލުހުން އަޑު އަހަން ވީ އެވެ.

  2. އާސިދާ

    ތިޔައީ އޭގެ ބޮޑެއް ދެން ދީނުކުރާތި..ސާބަސް

  3. އަންނި

    އެއޮތީ ބުނެފައެއްނު. އޭނަ ބޭނުން ކުރި ކަމަށް އެއްބަސް ވީމަ އެއަދަދުން ވިޔަފާރި ކުރިކަމަށް ގާނުނުން ދައުވާ ކުރެވޭނެ ކަމަށް ފެންނާތީ އިތުރަށް ވަކީލާއި ވާހަކަދައްކާ އޮޅުވާލަން ފުރުސަތު ދިން ވާހަކަ. ދެން އަންނަ އަޑު އެހުމެއްގައި އެސޮރު އެއްބަހެއް ނުވާނެ ގަނެގެން ބޭނުން ކުރި ކަމަކަށްވެސް. އެހިސާބުން ދޫވާނީ. ކޯޓުތަކުން އެހާ ބޮޑަށް ދޫ ދީގެން ނުވާނެ.