ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ އަމީންއާންމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފާތިމަތު ނިއުޝާ އެ މަގާމަށް އައްޔަން ކުރުމަށް ވޯޓަށް އެހުން މިއަދު މެންދުރުފަހު 1:30 ގައި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވިދާޅުވެއްޖެއެވެ،

މަޖިލީހުގެ އަމީންއާންމުގެ ނައިބްގެ މަގާމް ފުރުއްވަމުންގެންދަވާ ނިއުޝާއަކީ މަޖިލީހުގެ ހުސްވެފައިވާ އަމީންއާންމުކަމަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތެވެ. އެމަގާމަށް ކުރިމަތި ލުމަށް ހުޅުވާލި މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

މިއަދުގެ ޖަލްސާގައި މަސީހު ވިދާޅުވީ، އަމީންއާންމުގެ މަގާމަށް ކުރިމަތި ލައްވާފައިވާ ނިއުޝާއާ ކޮމިޓީތަކުގެ އެހީއާއި އެކު އިންޓަވިއު ކުރުމަށް ފަހު ނިޝާއަކީ އެމަގާމަށް ޝަރުތު ފުރިހަމަވާ ގާބިލް ފަރާތެއް ކަމަށް ވަނީ ވިދާޅުވެފައެެވެ، އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ހުށަހަޅާފައިވާ ނަން ފުޅަށް އިތުރު ބަހުޝަނުލައި ވޯޓަށް އެހުން އޮންނާނެ ކަމަށާއި ވޯޓަށް އެހުން އޮންނާނީ މިއަދު މެންދުރުފަހު ކަމުގައިވެސް މަސީހް ވިދާޅުވިއެވެ.

އަމީންއާންމަކު ހޯދަން ޖޫން މަހުގެ 12 ވަނަ ދުވަހު މަޖިލީހުން އިއުލާން ކުރީ، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން މަޖިލީހުގެ އަމީންއާންމުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު މުހައްމަދު އެ މަހު ހަތަރު ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އޭގެ ފަހުން އެ މަގާމް ވަގުތީ ގޮތުން އަދާ ކުރަމުން އައީ ނިއުޝާ އެވެ.

މަޖިލީހުގެ ލީގަލް ކައުންސިލްގެ މަގާމު ހަތަރު އަހަރު ދުވަސް ވަންދެން އަދާކޮށާްފައިވާ ނިއުޝާއަކީ 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.

މިއަދުގެ ޖަލްސާގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން އިސްލާހު ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު އަޒުހާން ފަހުމީ އެވެ.

އިސްލާހު ހުށައެޅުއްވުމަށްފަހު ފަހުމީ ވިދާޅުވީ ސަރުކާރުން އެ ބިލް ހުށަހެޅުމުގެ މަގުސަދަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމާއެކު އެކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. 34 އިސްލާހަކާއި އެކު ހުށައެޅިފައިވާ އެބިލްގައި ކަރެކްޝަންސްގެ ނަން މޯލްޑިވްސް ޕްރިޒަންގެ ނަމަށް ބަދަލު ކުރުންވެސް ހިމަނާފައިވެއެވެ.

މި ބިލަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން އެއްވެސް މެންބަރަކު ފުރުސަތަކަށް އެދިފައިނުވުމުން މި ބިލްގެ ބަހުޡް މަރުހަލާ ވަނީ ނިންމާލައިފައެވެ. މިއަދު 1:30 ގައި ބާއްވާ ޖަލްސާގައި މި ބިލަށްވެސް ވޯޓަށް އެހޭނެއެވެ.