މަސްތުވާތަކެތީގެ މައްސަލަތަކުގައި މި މަހުގެ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގި އެއް މަޝްރޫއަކީ ނ. މާޅެންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައްދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އައްޑޫ ސިޓީ ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި މިދިޔަބުދަ ދުވަހުގެރޭ ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން، ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށްވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިރާޖް

    ހ އ ހޯރަފުށީ ގައި ފުލުހުން ރޭގަނޑު ޕެޓްރޯލް ނުކޮށް ނިދަނީ! ވަރަށް ސަޅި ދޯޯދޯދޯދޯޑޯ

  2. މުހައްމާ

    ވަރަށް މަދު ފަހަރެއްގައި ނޫނީ ފުލުހުން މަސްތުވާއެއްޗެއް އަތުލައިގެންފައި ނުވޭ. އަތުލައިގަންނަނީ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ނުވަތަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި.