ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކުރަން، އޭނާ ދިރިއުޅުއްވާ ހ.ނިޝާންޕްލާޒާގެ ތިންވަނަ ފަންގިފިލާ ބަލާ ފާސްކުރި ފުލުހުންނަށް އެ އެޕާޓްމަންޓުގައި ހުންނަނީ ކިތަށް ކޮޓަރިކަންވެސް ނޭނގޭ ކަމަށާއި، އެ އެޕާޓްމަންޓަށް ވަތް ފުލުހުން އެޕާޓްމަންޓުގެ ކޮޓަރިތަކަށް ވަދެފައި ނުވާކަމަށް އަދި ކޮޓަރިތަކުގެ ފާހާނާތައްވެސް ބަލާފައި ނުވާކަމަށް ހަސަން ސަޢީދުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ހަސަން ސަޢީދުގެ ވަކީލުން މިހެން ވިދާޅުވެފައި މިވަނީ ހަސަން ސަޢީދުގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވަމުން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައެވެ.

ހަސަން ސަޢީދުގެ ދިފާއީ ވަކީލު ޝަފާ ޝަރީފް ވިދާޅުވީ، ހަސަން ސަޢީދު ހޯދަން ހ.ނިޝާންޕްލާޒާގެ ތިންވަނަ ފަންގިފިލާއަށް ވަތް ފުލުހުން އެ އެޕާޓްމަންޓުގެ ކޮޓަރިތަކަށް ނުވަންނަ ކަމަށާއި، ފާހާނާތަކަށްވެސް ނުވަންނަ ކަމަށް އަދި އެގޭގައި ހަސަން ސަޢީދު ނޫޅޭކަމަށް ނިންމީ ދޮރު ހަލާކު ކޮށްލައިގެން އެޕާޓްމަންޓަށް ވަތް އިރު ހަސަން ސައީދު ފެންނަން ނެތުމުން ކަމަށް މި މައްސަލައިގައި ހެކިބަސް ދިން ފުލުހުން ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އެޕާޓްމަންޓަށް ވަދެފައިވަނީ ދެ ފުލުހުންކަމަށް އަދި އެ އެޕާޓްމަންޓުގައި ހުންނަނީ ދެ ކޮޓަރި ކަމަށް ބައެއް ފުލުހުން ހެކިބަސް ދެމުން ބުނެފައިވާއިރު، އަނެއްބައި ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ އެޕާޓްމަންޓަށް ވެދެފައިވަނީ ތިން ފުލުހުން ކަމަށާއި، ހެކިބަހުގައި ފުށުއެރުންތައް ހުރި ކަމަށްވެސް ޝަފާ ވިދާޅުވިއެވެ. އަދި އެޕާޓްމަންޓުގައި ހުންނަނީ ތިން ކޮޓަރި ކަންވެސް ޝަފާ ފާހަގަ ކުރެއްވިއެވެ.

ހަމައެއެއާއެކު މި މައްސަލައިގައި ސިއްރުން ހެކިބަސް ދިން ދެ މީހުންނަށް ސްޕްރީމް ކޯޓުގައި އޮތް ފަނޑިޔާރުންގެ މަޖިލިސް ފެށުނު ގަޑި ބުނެދޭން ނޭނގުނު ކަމަށާއި، މި މައްސަލައިގައި ހަސަން ސަޢިދު ކުށްވެރިވާކަމަށް ނިންމައިފިނަމަ، ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރެއް (ހަސަން ސަޢީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ސްޕްރީމް ކޯޓުން ނެރުނު އަމުރު) ކްރިމިނަލް ކޯޓުން ބާތިލުކުރީ ކަމަށް ކަނޑައެޅޭނެ ކަމަށްވެސް ހަސަން ސަޢީދުގެ ވަކީލުން ވިދާޅުވިއެވެ. އެއީ ކަނޑައެޅިގެން ޤާނޫނު އަސާސީގެ 145 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް ޝަފާ ވިދާޅުވިއެވެ.

ފުލުހުން އާއްމުކޮށްފައިވަނީ ހަސަން ސައީދު ހޯދަން ނެރެފައިވާ ނޫސްބަޔާނެއް ނޫން ކަމަށާއި، އެއީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއް ކަމަށް އަދި ހަސަން ސަޢީދު ހާޒިރު ވާންޖެހެނީ ކޮން އިދާރާއަކަށް ކޮން ގަޑިއަކު ކަންވެސް ފުލުހުންގެ ނޫސް ބަޔާނުން އެނގެން ނެތް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ދެ ސިއްރު ހެކިންގެ ހެކިބަހުންނާއި ފުލުހުންގެ ހެކިބަހުން އަދި ހުށަހެޅިފައިވާ ކިތާބީ ހެއްކަށް ބަލާއިރު ހަސަން ސަޢިދު ހޯދާކަން އެނގިހުރެ ފުލުހަށް ހާޒިރުވެފައި ނުވާތީ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމަށް ބެލެވޭނެ ކަމަށާއި، އެހެންކަމުން ޤާނޫނު ހިންގުމަށް ހުރަސް އެޅިކަމަށް ބެލެވޭނެ ކަމަށެވެ.

ހަސަން ސަޢީދުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ވޭތުވެދިޔަ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، މޯލްޑިވްސް ސަރވިސަސް އިން އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީއާއި، އޭނާ ހޯދާކަން އެނގިހުރެ ފުލުސް އޮފީހަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ދައުލަތުން އަދި ހަސަން ސަޢީދުގެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިމިފައިވާއިރު، ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ކުށް ސާބިތުވާނަމަ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު، ހަމަ އެ ދުވަހު އިތުރު އަޑުއެހުމެއް ބާއްވައި ހުކުމް ކުރުމެވެ. ނަމަވެސް ކުށް ސާބިތު ނުވާނަމަ ދެން އޮންނަ ޝަރީއަތެއްގައި ހަސަން ސަޢީދުގެ މައްޗަށް ހުކުމް އިއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއްބެ

    Islam dheenakee vagunnai, aiy modey meehunnai, dhogu heki dheefai anehka anbura hekibas genna meehunnai, aniyaaveringe dheenehkan lha dharinnah visnaidheyn ulhey,
    kulee jamaa’atheh!
    އިންތި

  2. އާލު

    ފުލުހުންވަނީ ހަސަން ސައީދުގެ އެޕާޓުމަންޓުގައި
    ހުރީ ކިތަށް ކޮޓަރި ތޯ ބަލާކަށް ނޫން!