ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭނެއް ގާއިމް ކުރީ، ދިވެހި ފަސްގަނޑުގައި އިންޑިއާގެ ސިފައިން ގާއިމްވެ ބައިތިއްބާކަށް ނޫން ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން، އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، 2016 ގައި ގާއިމް ކުރި އެކްޝަން ޕްލޭންގެ ތެރެއިން އިންޑިއާއާ ގުޅިގެން އަސްކަރީ ގިނަ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.

މި މަޝްރޫއުތަކާ ގުޅިގެން އިންޑިއާގެ އަސްކަރީ ބާރު ރާއްޖެއަށް ފޯރަން ފުރުސަތު ދެނީ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފާޑުކިއުން އަމާޒުވެފައި އޮތްއިރު، ސަރުކާރުގެ ބޭފުޅުން ރައްދެއްގެ ގޮތުގައި ފާހަގަކުރަނީ ޔާމީންގެ ސަރުކާރުގައި ޕްލޭން އެކުލަވާލުމަށެވެ.

ދާދި ފަހުން އެމްޑީޕީގެ ބައެއް ބޭފުޅުން ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ވަނީ އޭރު އުތުރުތިލަފަޅުގައި ތަރައްގީ ކުރަން ރާވާފައި އޮތީ ވެސް އަސްކަރީ މަރުކަޒެއް ކަމަށާއި، ޑޯނިއާ މަތިންދާބޯޓު ދޭން އެދި އެތައް ސިޓީއެއް އިންޑިއާ ސަރުކާރަށް ފޮނުވި ކަމަށް ވިދާޅުވެފައެވެ.

މި ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އޭގެ ރައްދުގައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓު ހޯދައިގެން އެމްއެންޑީއެފްގެ އަސްކަރީ ފޯރުންތެރިކަން އިތުރު ކުރަން އޭރު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"އެކަމަކު ބޭރުގެ ސިފައިން މި ތަނުގައި ގާއިމްވެ ތިބޭކަށް އެއްބަހެއް ނުވަން ދުވަހަކު ވެސް، އެ ސިޓީގައި ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ދިވެހި ސަރުކާރަށް އެ އޮޕަރޭޓް ކުރެވޭނެ ގާބިލް ކަން ހުރި ކަމުގައި، އަންދުން ހުސައިނަށް ސިޓީގައި އޮތް އެއްޗެއް ރަނގަޅަށް ވިދާޅުނުވެވި އެ ދިޔައީ،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ އިންޑިއާއާއެކު ހަދާފައިވާ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާއި، އުތުރުތިލަފަޅުގެ ކޯސްޓްގާޑް ޑޮކްޔާޑްގެ އެއްބަސްވުމާއި، ހައިޑްރޯގްރަފީ ދިރާސާގެ އެއްބަސްވުން ދިރާސާކޮށްފައެވެ.

އެ އެއްބަސްވުންތައް ދިރާސާކުރަން ހުށަހެޅުއްވީ ވެސް ޕީއެންސީގެ ނައިބު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އެކަމަކު އެ އެއްބަސްވުންތައް ޚިއްސާކުރެއްވީ، ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ތިއްބަވައިގެން ޕްރެޒެންޓޭޝަނެއްގެ ގޮތުގައެވެ. އެ އެއްބަސްވުންތައް ދިރާސާކުރަން އޭގެ ކޮޕީއެއް ކޮމިޓީ މެންބަރުންގެ އަތަށް ނުދިނުމުން، އެ ކަމުގެ ނުރުހުން ކޮމިޓީގައި ތިއްބެވި އެމްޑީޕީ ނޫން ޕާޓީތަކުގެ މެންބަރުން ފާޅުކުރެއްވިއެވެ.

ޕީޕީއެމްއާއި ޕީއެންސީން ދަނީ "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި ބޮޑު ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ. ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަންވި ފަހުން، ސަޕޯޓަރުންނާ މުޚާތަބު ކުރައްވަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ހަރަކާތް ފުޅާކުރަން ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސްރާ

    ޑޯނިޔާ ކިތަންމެ ގެނެޔަސް ރާއްޖެއަކު ޑޯނިޔާގަނޑެއް ބަލަހައްޓާކައް އިންޑިޔާސިފައިންނެއް ބޭނުމެއް ނުވޭ. މި ސަރުކާރުން އެބަޖެހޭ އިންޑިޔާއިން ހީރޯ ހޮންޑާ ސައިކަލެއް ގެނެޔަސް އޭތި ބެލެހެއްޓުމުގެ ނަމުގަ 15 އިންޑިޔާސިފައިން އިންޖިނޭރުންނައް ހަދައިގެން މިތަނަށް ގެންނަން. މިމީހުން ހީކުރަނީ ދެން ތިބި ދިވެހިންނަކީ ބޮލުރޮދި ކޮށިފަތިބޭބަޔެއްކަމައްތަ.؟

  2. ސަލް

    އިންޑިޔާ ސިފައިން މިތާގައި ވަގައް ބޭސް ކުރަން މަސައްކަތެއް ކުރަންޏާ އެކަން ކުރަނީ މިހާރު މިއޮތް އިންޑިޔާގެ ޗޯކޭދާރު ސަރުކާރުން. މި ސަރުކާރުގައި ހުންނަނީ އިންޑިޔާގެ ބޮޑު ޗޯކޭދާރާއި ކުޑަ ޗޯކޭދާރު. ދެން ތިބެނީ ހުސް ހަވަރުދާރުން..

  3. Anonymous

    އެމް.އޯ.ޔޫ.އަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ލިޔުމެއްނޫން. އަދި އެއީ ގާނޫނީ އެއްބަސްވުމެއްކަމަށް ގާނޫނަކަށް ނޭގޭ، އަދި އެއަށް އަމަލުކުރުމަށް ނުވަތަ ނުކުރުމުގެ އިޚްތިޔާރު ދެފަރާތަށް އޮންނާނެ، އަދި ޕްލޭނަކީވެސް ގާނޫނީ އެއްވެސް ހައިސިއްޔަތެެއް ލިބިގެންވާ އެއްޗެއް ނޫން. ވީމާ ކަމުގެ ހަގީގަތް އޮޅުވާނުލައްވާ. އެއްބަސްވުމުގައި ސޮއިކުރީ މިސަރުކާރުން، މިކަމާ އިންކާރެއް ނުކުރެވޭނެ.