ނޭޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޓީސީސީން ޔޫތު މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 30 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނެއެވެ.

އެމްޓީސީސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްއެވެ.

މި އެޕްރެންޓިޝިޕް ޕްރޮގްރާމަކީ ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދައި ދިނުމެވެ.

މީހުން ތަމްރީނު ކުރުން ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހުނަވަރު ޓެކްނިކަލް ލައިސެންސިން ޕްރޮގްރާމްއާއި ހުނަރުވެރި ސްކިލްސް ޕްރޮގްރާމްއެވެ. ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެމްޓީސީސީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުމެވެ.

މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީން ކުރެވިގެންދާނެއެވެ. ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބާރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. ކޮންމެ ބައިވެރިޔަކުވެސް ހަ މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވޭނެއެވެ. ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބުމުގެ އިތުރުން ވޯކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގެ ދެކުނަށް އަމާޒުކޮށްގެން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ "ނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓްލިސްޓް ކުރެވި 15 މީހުންވަނީ ޕްރޮގްރާމް ފަށާފައެވެ. އޭގެ ތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ ގެ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ގޮތުގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި މިފަރާތްތައް މަސައްކަތް ކުރަމުންދަނީ ކުންފުނީގެ އެކިއެކި ސައިޓްތަކުގައެވެ.