އިދިކޮޅު ކޯލިޝަންގެ ރަނިންގް މޭޓް ހޮނިހިރު ދުވަހުގެ ރޭ އިއުލާން ކުރާނަނެ ކަމަށް ޖުުހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވިޓެއްގައި އެވެ. ގާސިމް ވިދާޅުވީ މިމަހުގެ 14ވާ ހޮނިހިރު ދުވަހުގެރޭ 8:30ގައި ޖޭޕީން ކަނޑައަޅަންޖެހޭ ރަނިންމޭޓް އިންތިހާބުކުރުން އޮންނާނެ ކަމަށެވެ.

" މާތް ﷲގެ އިރާދަފުޅުން ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކު ، އަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމަށް އެދެން " ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ ކޯލިޝަނަށް ފުރިހަމަ ކާމިޔާބަކަށް އެދޭ ކަމަށެވެ. ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައެޅުމުގެ މައްސަލާގައި މިއީ ގާސިމް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ޖޭޕީއިން ބުނެފައި ވަނީ އަންނަ އަންގާރަ ދުވަހު އެ ޕާޓީގެ ރަނިންމޭޓު އިއުލާނު ކުރާނެ ކަމަށެވެ. ރަނިން މޭޓަކަށް ވުމަށް ޝައުގުވެރިވާ ބޭފުޅުން ނަން ހުށަހެޅުމުން، އެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ އަންގާރަ ދުވަހު ބާއްވާ ކައުންސިލްގެ ބައްދަލުވުމުގައި ވޯޓަށް ހުޅުވާލައިގެންނެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ރަނިންމޭޓަކު ކަނޑައެޅުމަށް ޖޭޕީއަށް ފުރުސަތު ދީފައިވާއިރު، އެޕާޓީން ވަނީ އެމަގާމަށް ޝައުގުވެރިވާ ޕާޓީގެ ބޭފުޅުންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ.

ޖޭޕީގެ ރަނިންމޭޓުކަމަށް ކުރިމަތިލުން އެންމެ ގާތް ބޭފުޅުންނަކީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޯ

    މަބުނީ ގަޑުބަޑު ނަހަދާ ސަރުކާރާއި ގުޅި އަމިއްލަ ވިޔަފާރި ރަނގަޅު ކުރަން މަސައްކަތް ކުރުން މާބުއްދިވެރި.

  2. ހުސޭނުބޭ

    ރިޝްވަތަށް އެތިކޮޅެއް ދީގެން ރަނިންމޭޓޭއް ހޯދުން ބުއްދިވެރި.