ސަރުކާރުގެ ބީލަންތައް އެއް ޕޯޓަލްއެއްގެ ދަށުން ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި "ބީލަން ޕޯޓަލް" ނަމުގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި ބަދަލާ ގުޅިގެން ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތައް ފަދަ އެހެނިހެން ކަންކަމަށް ބިޑް ހުށަހަޅަން ޖެހޭނީ މި ޕޯޓަލް މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެ ބޮޑަށް އިޙްސާސް ކުރެވިގެން ދިޔައީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދި ބީލަންވެރިންނާއި ދައުލަތުގެ އޮފީސްތަކުން ތަކުރާރުކޮށް އެދުނު ކަން އަމީރު ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ނަމަވެސް އަމީރު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދިޔައީ އިލެކްޓްރޯނިކް ނިޒާމަކަށް ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާ އިރު، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގްސަދު ހާސިލްވާނެހެން އަދި ފަސޭހަ ގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެ ހެން މިކަން ކުރުމުގެ މަގު ފަހިކޮށް ދިނުމެވެ.

"މިއަދު މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށް. އަދި، މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާކަން ފާހަގަކުރަން." އަމީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން. އެކަމަށްޓަކައި މިދަނީ މަސައްކަތް ކުރަމުން."

ބީލަން ޕޯޓަލް ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތު. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޕްރޮކިއުމަންޓާއި ގުޅޭ ސިޔާސަތު ހަދާ ފަރާތާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްވަނީ ވަކިކުރެވިފައެވެ.

މިގޮތުން، ޕްރޮކިއުމަންޓްއާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައްވައި، އެ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ދެނެގަނެ މޮނިޓަރ ކުރުމަށްޓަކައި، ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އެކުލަވާލައި ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާރނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ވާނީ ފުޅާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާ ބޮޑެތި ބާރުތަކެއް ވާނީ ދީފައި. އެއާ އެކު މިއަދު އެ ކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި އެ ހުށަހެޅިފައިވާ މައްސަލަތައް ބަލައި ފިޔަވަޅުދަނީ އަޅަމުން،" އަމީރު ވިދާޅުވި އެވެ.

ބީލަން ޕޯޓަލް ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތު. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

އަމީރު ވަނީ ބީލަން ޕޯޓަލްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ޕްރޮކިއުމަންޓްގައި ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ބީލަންވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ. ޕޯޓަލް ބޭނުންކުރުމުގައި ހުރި ދަތިތަކާއި އަދި ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައް ދެނެގަތުމަށް އެންމެންގެ ހިޔާލު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ދައުލަތުގެ ކޮންމެ އޮފީހަކަށް ވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީހުން ފެށިގެން މިނިސްޓްރީ އަށް ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އަމީރު ވިދާޅުވިއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަރޫ

    އޭރުންތާދޯ ހެކަރުން ލައްވައި ފަސޭހައިން އެހެންމީހުންގެ ބީލަންތައް ބަލައިލެވޭނީ.

    • ހެކަރު

      ބިލުތައް ލަނީ އެންކުރިޕްޓްކޮށްފަ، ޕާސްވޯޑުދޭނީ ބިޑު ހުޅުވާ ގަޑީގަ. އެހެން ކަމުން ހެކަރުނަށްވެސް ބީލަން ބެލުމުގެ ފުރުސަތެއް ނެތް.

  2. ކޮންޓްރެކްޓަރުން

    ގއ ދާންދޫ ކައުންސިލުން ތިކަން މާކުރިން ފަށައިފި. އޭގެ ސެކިއުރިޓީފިޗާސްތައްވެސް އެހާމެ ވަރުގަދަ. ވަރަށް ސަޅިކަމެއް ދާންދޫ ކައުންސިލުން ކޮށްފަ އެއޮތީ. އަދި ކިރިޔާ ރާއްޖޭގެ މާލީ އިދާރާއިން ތި ކުރެވުނީ. ޝުކުރިއްޔާ!