ރާއްޖޭގެ އެމްބިއުލާންސް ނެތް އިތުރު ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.

މީގެ ކުރިންވެސް އެ މިނިސްޓްރީން ވަނީ އެމްބިއުލާންސް ނެތް ރަށްތަކަށް އެމްބިއުލާންސް ފޮނުވާފައެވެ. އެގޮތުން އެ ފަހަރުވެސް ރަށްތަކަށް ފޮނުވީ 20 އެމްބިއުލާންސެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅު ތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނައި 20 އެމްބިއުލާންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސަރުކާރުގެ ބޮޑު އެއް ކުންފުނި، އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.

މި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މިދިޔަ މަހު ވަނީ ރާއްޖެ ގެނެވިފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ގާޑިޔަލާއި، ޕިކަޕުގައި ބަލިމީހުން އުފުލަންޖެހޭ މައްސަލަ ފެންމަތިވެެއެވެ.

އެމްބިއުލާންސްތައް މިހާރު ރަށްތަކަށް ފޯރުކޮށްދެމުންދާއިރު، މިއާއެކު އަތޮޅުތެރޭގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.