ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ކުށްވެރިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންގްލަދޭޝްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނަޒުމުލް ހަސަން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ބަންގަލަދޭޝްގެ 100 އެއްހާ ކުށްވެރިން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައާ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަ ތަކުގައި ބަންދުކޮށްފައިވާ މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ އޭގެ ތެރެއިން 30 މީހުން ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ ވިދާޅުވީ ކޮންޑިޝަންތަކާއެކު ކުށްވެރިން އަނބުރާ ފޮނުވާލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަަށެވެ. އަދި މިހާރު އެ މަސައްކަތް އޮތީ ޑްރާފްޓިން މަރުހަލާގައި ކަމަށް ހަފްސީ ވިދާޅުވިއެވެ.

ނަޒުމުލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެއްލައްކައެއްހާ ބަންގްލަދޭޝް މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ފަންސާސް ހާސް މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުންނެވެ. ކޮވިޑް-19 ހާލަތު ދިމާވެގެން ބަންގަލަދޭޝްގެ ގިނަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެ މީހުންގެ ހާލަތު ރަނގަޅުކުރަން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު އެކަމަށް އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުންވެސް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއަށް ބިދޭސީން ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ހިންގިއެވެ. ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއް ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްކުޅިބޭ

    ރައީސް ސޯލިހު ސަލާންޖަހަން ޝޭޚު ހަސީނާއަށް ނާށިގަނޑު ދިއްކޮށްލީމާ ބުނީ. ތިޔަކަމުގައި އޮތީ ޒިޔާރަތުން ބުނި ގޮތެވެ. އެއީ ގޮނަކަށް ގޮނެކެވެ.