އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަހްމަދު ކްރިކް ރިޒާ ދިފާއީ ހެކި އުފެއްދި ކަމަށް ދައުލަތުން ތުހުމަތުކުރިއިރު، ދައުލަތުން ވެސް ރިޒާއާ ދެކޮޅަށް ލިޔެކިއުންތަކެއް އުފެއްދި ކަމަށް ދިފާއުން ތުހުމަތުކޮށްފިއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ދައުލަތުން ވަނީ ކްރިކް ރިޒާ ދިފާއު ވާން ހުށަހެޅުއްވި ވިޔަފާރީގެ ބައެއް ލިޔެކިއުންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށާއި ހުށަހަޅަން ފުރުސަތު ނުދިނުމެވެ.

އެއީ އޭ އެންޑް އޭ ކިޔާ ކުންފުންޏަކާއެކު، 1.5 މިލިއަން ޑޮލަރުގެ ސައްޚަ ވިޔަފާރިއެއް ކުރި ކަން ސާބިތު ކުރަން ހުށަހެޅި ވިޔަފާރީގެ ލިޔެކިއުންތަކެވެ. ދައުލަތުން ތުހުމަތުކުރީ އެއީ އޮޅުވާލައިގެން ފޯޖުކުރި ލިޔެކިއުންތަކެއް ގޮތުގައެވެ.

ތިން އަތޮޅެއްގެ ރަށްތަކާ ގުޅޭ ކޮންސަލްޓެންސީ ރިޕޯޓް ތައްޔާރުކުރުމަށް އިސް ދައުރެއް އަދާ ކުރީ ރިޒާ ކަމުގައިވާއިރު، ރިޒާ ހުށަހެޅި އިންވޮއިސްތަކުގައި ދަތުރު ކުރި ތާރީޚްގައި އެސްޓީއޯގެ ވަޒީފާއަށް ވެސް އޭނާ ހާޒިރުވި ކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ. އެހެންވެ އޭގައި ގޯހެއް އުޅޭ ކަމުގައެވެ.

މީގެ އިތުރުން 1.5 މިލިއަން ޑޮލަރަށް ކޮންސަލްޓެންސީ ރިޕޯޓް ތައްޔާރު ކުރަން ދެވުނުއިރު، އެ އަގަކީ ރ. ފުއްގިރީގެ އެކިއުޒިޝަން ކޮސްޓްއަށް ވުރެ ވެސް ބޮޑު އަގެއް ކަން ދައުލަތުން ވިދާޅުވެއެވެ. އަދި އެ ވިޔަފާރީން ޖީއެސްޓީ ވެސް ދައްކާފައިނުވާ ކަން ދައުލަތުން ވިދާޅުވެއެވެ.

މި ކަމާ ގުޅިގެން ދައުލަތުގެ އެ ހުށަހެޅުއްވުން ބަލައިނުގަތުމަށް އެދިވަޑައިގެން ދިފާއީ ވަކީލުން ވިދާޅުވީ، ޖީއެސްޓީ ދައްކަން ޖެހެނީ މެދުނުކެނޑި ކުރާ ވިޔަފާރިތަކަށް ކަމަށާއި، މިއީ ދުވަސްވަރެއްގެ ވިޔަފާރިއެއް ކަމަށެވެ. އަދި ޖީއެސްޓީ ނުދެއްކިއަސް ވިޔަފާރީ މުއާމަލާތް ބާތިލްވާނެ ގާނޫނީ ނުކުތާއެއް ނެތް ކަމަށް ދިފާއީ ވަކީލުން ވިދާޅުވެއެވެ.

އިންވޮއިސްގެ ތާރީޚަކީ މުއާމަލާތުގެ ތާރީޚެއް ކަމާއި، އީމެއިލްތަކުގައި ހެޑް އެންޑް ފުޓާ ދިމާނުވާ "އެރޯ" ތަކަކީ އާންމުކޮށް ދިމާވެދާނެ އިދާރީ ކުށްތަކެއް ގޮތުގައި ދިފާއީ ވަކީލު ފާހަގަ ކުރައްވައެވެ.

މީގެ އިތުރަށް، ދިފާއީ ވަކީލުން ވެސް ވަނީ ދައުލަތުން ވެސް ލިޔެކިޔުންތަކެއް އުފެއްދި ކަމަށް ތުހުމަތު ކުރައްވައިފައެވެ. މި ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސިޓީތަކެއް ކަމަށް ބުނާ ސިޓީތަކުގައި މިނިސްޓްރީގެ ލެޓާހެޑް އަދި ތައްގަނޑު ވެސް ފެންނަން ނެތް ކަން ދިފާއީ ވަކީލުން ފާހަގަ ކުރައްވާފައިވެއެވެ.

މިއިން އެއްވެސް ހުށަހެޅުއްވުމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަކި ގޮތެއް ނުނިންމަވައެވެ.

ރިޒާއަށް ދައުވާ އުފުލި މައްސަލަ

އަހްމަދު ކްރިކް ރިޒާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ.ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލާގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން މަނީ ލޯންޑަ ކުރި ކަމަށް ތުހުމަތު ކޮށް ދައުވާ އުފުލާފައި ވެއެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން، ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާ އަދި ސަންގެ ދެ ކުންފުންޏަށް ވެސް ދެ ދައުވާއެއް އުފުލާފައިވެއެވެ. މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަބްދޫ

  2008 ގަ އެމްޑީޕީ ވެރިކަމަށް އައިސްވެސް ކުރީ ތިޔަމަސައްކަތް . ތަފާތަކީ ޔާމީނު ރާއްޖޭގެ ކުންފުންޏާއި ރާއްޖޭގެ ބޭންކްތައް ބޭނުންކުރެއްވުން އެމްޑީޕީ ގެ އިސްވެރިން ހުރިހާ ފައިސާއެއް ޖަމާކުރީ މޮރިސަސް އަށް.

  15
 2. ހާމިދު ޝާހިދު

  މއީ، ކްރިކީލަ ރިޒާގެ ދަރިއެއްތަ! އެބޭފުޅާއަކީ މައުމޫނުގެ ދައުރުގައި ރާއްޖޭގެ ފުރަތަމަ ކޮރަޕްޝަން ނައްތާލާ ކޮމިޝަން ފަދަ ކޮމިޝަންތަކުގެ ވެރިކަން ކުރެއްވި އިއްޒަތްތެރި ބޭފުޅެއް.

  .

  9
  1
 3. ހުސޭނުބޭ

  ދިފާޢީ ދޮގުހެކި އުފެއްދުމުގެ ސަބަބުން ދައުލަތް ކުށްވެރި ނުވޭތަ؟ ތިއޮތީ ޝަރުޢީ ނިޒާމުގައި ރިހާކުރުއޮލަކޮށްފައި.

  15
 4. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  މީހުންނަށް ފާޑުނުކިޔުއްވާ ކަންކަމަށް ފާޑުވިދާޅުވުން ބޮޑުތަކުން ރަނގަޅުވާނެއެވެ.

 5. ގަލަން ތުނޑު

  މީކޮންގޮލައެއް ،،ދުވަހަކު އަޑުއެހުވެސް ނަމެއްނޫން